އަކްޝޭ ކުމާރު އަދި ރަވީނާ ޓެންޑޮން މީގެ ދުވަސްތަކެއް ކުރީން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެތަރިންނެވެ. މި ދެތަރިން ވަކިވިއިރު ކައިވެނި ކުރުމަށް އެންގޭޖްވެސް ކޮށްފައިވެއެވެ. ދެމީހުންގެވެސް މިހާރު އަމިއްލަ ދިރިއުޅުމެއް އޮތްއިރު، ފިލްމަކުން ދެތަރިން އެކުގައިވެސް ނުފެންނަތާ 17 އަހަރު ވަނީ ވެފައެވެ. ނަމަވެސް ވަރަށް ފަހުން ރަވީނާ ވަނީ އަކްޝޭއަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އަކްޝޭ އަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތަނބުތަކުގެ ތެރެއިން އެއް ތަނބުގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ފިލްމްފެއާގައި އޮތް ރިޕޯޓެއްގައި ވާގޮތުގައި އަކްޝޭ އާއި ރަވީނާ އެކުގައި ފިލްމު ވެލްކަމް 3 އިން ފެނިގެން ދާނެއެވެ. އެ ފިލްމުގައި އިތުރު ތަރިންގެ ގޮތުގައި ސަންޖޭ ދަތު، އަރްޝަދް ވާސީ، ސުނިލް ޝެޓީ، ދިޝާ ޕަޓާނީ އަދި ޖެކުއިލިން ފެނާންޑިޒްވެސް ލީޑު ރޯލުތަކުން ފެނިގެންދާނެއެވެ. ނަމަވެސް ރަވީނާ އެފިލްމާ ގުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ރަވީނާ އާއި އަކްޝޭ އެކުގައި ކުޅެފައިވާ ފިލްމުތަކުގައި ދެތަރިންގެ ކެމިސްޓްރީއަށް ގިނަ ބަޔަކު ތައުރީފުކުރެއެވެ. އެންމެ ފާހަގަކޮށްލެވޭ ލަވައަކީ 'ޓިޕް ޓިޕް ބަރްސާ ޕާނީ' އެވެ. އެ ލަވަ ކުޅުމަށް ބައްޕަ ހިތްހަމަ ނުޖެހިދާނެތީ ރަވީނާ ފުރަތަމަ އިއުތިރާޒު ކުރި ނަމަވެސް ޑައިރެކްޓަރުގެ މަސައްކަތުން ފަހުން ވަނީ އެއްބަސްވެފައެވެ.

ރަވީނާ އިންޑިއާ ސިނަމާއަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް ޕަދްމަޝްރީ އެވޯޑު ދީފައެވެ.