އިންޑިއާގެ ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރުން ލަސްކުރަން ޖެހިދާނެ އޮފިޝަލުން ބުނަން ފަށައިފިއެވެ.

އިންޑިއާއިން މިއަދު ހަނދުގެ ދެކުނު ތަނޑިއަށް ''ޗަންދްރަޔާން 3'' ތިރިކުރުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާތައް ކުރަމުން ދަނިކޮށް އެ އުޅަނދު ތިރިކުރުމަށް ބޭނުންކުރާ ވިކްރަމް ލޭންޑަރ މޮޑިއުލް އިން މައްސަލަަތަކެއް ފެންނަކަމަށް އިންޑިއާގެ ރިސާޗް އޯގަނައިޒޭޝަންގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ވިކްރަމް އިން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް އޮފިޝަލުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އެންމެ ފަހުވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ މިއަދު ރާއްޖޭ ގަޑިން އިރުއޮއްސި 18:04 ގައި ތިރިކުރުމަށް ހަމަޖެހިފައިވާ ''ޗަންދްރަޔާން 3'' ހަނދަށް ތިރި ނުކުރެވިއްޖެ ނަމަ މިމަހުގެ 27 ވަނަ ދުވަހަށް ލަސްކުރާނެކަމަށް ބުނެފައެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް ތިރިކޮށްފިނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ތިރިކުރި ހަތަރުވަނަ ގައުމު ކަމުގައެވެ.

މުޅި އިންޑިއާ ވަނީ ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާނެ ވަގުތަކަށް ތައްޔާރުވެފައެވެ. އެގޮތުން އެގައުމުގެ ބޮޑެތި ސުކޫލް ތަކާއި މީހުން އެއްވާ ތައްތަނުގައި ސްކްރީން ބަހައްޓައިގެން ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާ މަންޒަރު ޓެލެކާސްޓު ކުރުމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ލައިވް އިވެންޓުގައި ވާޗުއަލް ކޮށް ބައިވެރިވެވޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.