ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އަޅާލުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށަން ޖަޕާނުން ނިންމައިފިއެވެ.

އަވަށްޓެރި ގައުމުތަކުން އެތައް މަސްތަކެއް ވަންދެން އެކަމެއްގެ ކަންބޮޑުވުން ފާޅުކޮށް ބޮޑެތި ފިޔަވަޅުތައް އަޅާފައިވާ ޖަޕާނުގެ ފުކުޝީމާގެ ނިއުކްލިއާ ޕްލާންޓުތަކުގައި ހުރި ފެން ކަނޑަށް އަޅާލުން ރައްކާތެރިކަމަށް އދ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އދ ގެ ނިއުކްލިއާ ކަންތައްތަކާބެހޭ އިދާރާ އައިއޭއީއޭ އިން ވަނީ ފުކުޝީމާއިން އުކާލަން ނިންމާފައިވާ ފެނަކީ ބައިނަލްއަގުވާމީ ސްޑޭންޑަޑަށް ފެތޭ ފެނެއް ކަމަށާއި އެކަމުގައި ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. އެ ފެނުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވީ ނަމަވެސް، ކައިރި ހިސާބުގެ މަސްވެރިންނާއި އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ.

ޖަޕާނުން ވަނީ ކަނޑަށް އަޅާލުމަށް ހަމަޖެހިފައިވާ ފެނަކީ އެފެނުގެ ސަބަބުން އެއްވެސް ބަޔަކަށް އެކަމުގެ ނުރައްކަލެއް ނެތް ސާފު ފެނެއް ކަމަށް ބުނެފައެވެ. ނަމަވެސް އަވައްޓެރި ގައުމުތަކުން ވަނީ އެކަމާ ދެކޮޅުވެފައެވެ.

2011 ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިން ހެލުމާއެކު ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރި ފެން އުކާލުމަށް ނިންމާފައިވަނީ ޕެސިފިކް ކަނޑަށެވެ. ޖަޕާނުން މިލިއަނައަކަށްވުރެ ގިނަ މެޓްރިކް ޓަނުގެ ފެން ކަނޑަށް އުކާލަން ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.