• ބ. ކަމަދޫން އަލީ އަފާފު ރަމީޒު

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ބަޖެޓުގެ ބޮޑުބައެއް ހޭދަކުރީ ޕެޕާ ސްޕްރޭއަށާއި މުގުރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ހަރަދުކުރަން ވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. ދައުލަތުގެ މުދާ ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދުކުރަން ވާނީ ރައްޔިތުންނަށް ކަމަށެވެ.

އެހެނަސް 2013 އިން 2018 އަށް ވެރިކަން ކުރި ފަރާތްތަކަށް އެކަން ނުކުރެވުނު ސަބަބާމެދު މިއަދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއަކާ އެކު ފަސް އަހަރުގެ ފުރުސަތެއް އެފަރާތްތަކަށް ރައްޔިތުން ދިން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްނުދެވުނު ސަބަބު ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ވެރިކަމުގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި ބޮޑެތި ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބުނު އާމްދަނީ ގެއްލުވާލީ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހުރިހާ ފައިސާއެއް ޖަމާ ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އަމިއްލަ އެކައުންޓަށް ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

"ލިބުނު އެއްޗެއް ވެއްޖިއްޔާ ހަރަދުކުރަން ޖެހުނީ ޕެޕާ ސްޕްރޭއަށާއި ރައްޔިތުން ޖަލުގައި ބައިތިއްބުމަށް. އަމާންކަން ގެއްލިފައި އޮތީ. ގަދަ ބާރުން ވެރިކަން ކުރަން އުޅުނީ. ތިޔަ ބޭފުޅުން ފުލުސް އޮފީހުގެ ބަޖެޓަށް ބައްލަވައިލެއްވީމަ އެނގިލައްވާނެ. އޭރު މުގުރަށާއި ޕެޕާ ސްޕްރޭއަށް ކޮށްފައިވާ ހަރަދު. ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރަން ޖެހުނީ އެކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އެމްޑީޕީއަށް ވެރިކަންކުރަން ލިބުނީ ހަލަބޮލިކަމުގެ ތެރެއަށް ނުދިއުމުން ކަމަށާއި ސިޔާސީ ވާދަވެރިންނަށް ބަސް ބުނުމުގެ ހައްގު ދޫކޮށްލުމުން ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގާނަމަ، އެފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ވަގުތެއް ހޭދަ ކުރެއްވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށާއި އެކަން މިއަދު ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެނިގެންދާ ކަމަށެވެ.