- ބ. ކިހާދޫން އަލީ އަފާފު ރަމީޒު
ކުރިން ފެންނަ ފޯރިގަދަ ކެމްޕޭންތައް މިފަހަރު ފެނިގެން ނުދަނީ ސަރުކާރު ބަދަލުކުރުމުގެ ރޫހު ނުވަތަ ނިޔަތް ރައްޔިތުންގެ ނެތުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން މާ ފޯރި ނެތް، މާ ޖޯޝު ނެތް ކެމްޕޭންތައް ފެންނަމުންދާ ކަމަށެވެ.
"ފަހަރެއްގައި އެ ވެދާނެ ކުރިޔާ ހިލާފަށް މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ބޭނުން ނުވާތީ ކަމަށް. ކުރީގައި ވެއްޖިއްޔާ ނުކުންނަނީ އަބަދުވެސް ކުރިން އޮންނަ ސަރުކާރެއް ބަދަލުކުރަން. ވަރަށް ޖޯޝާއި ފޯރިއާއެކު އެންމެން އެކުގައި ނުކުންނަ މަންޒަރު. އެ ރޫހެއް މިއަދު ނުފެނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެމްޕޭނެއްގެ ގޮތުގައި ކެމްޕޭނެއް ހިންގާތަން އަދި ފެންނަނީ އެމަނިކުފާނުގެ ޕާޓީން ކަމަށެވެ. ނަމަވެސް މިހާރު އެހެން ޕާޓީތަކުންވެސް ކެމްޕޭން ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިކުރާ ދަތުރުތަކުން ސާފުވާ އެއް ކަމެއް އެބައޮތް. ރައްޔިތުންގެ މާބޮޑު ކަންބޮޑުވުންތަކެއް މިސަރުކާރާ ދޭތެރޭގައި ނެތްކަން އަރައި ފައިބާ ކޮންމެ ރަށަކުންވެސް ބުނޭ. ސިޔާސީ ވަކި ބަޔަކު އަމިއްލަ ވަކި ބޭނުމަކަށް ކޮށްލާ ބައެއް ކަންކަން ފެނޭ." ރައީސް ވިދާޅުވިއެވެ.
ޖުމުލަކޮށް އެއްވެސް ރަށަކުން މިސަރުކާރާ ދޭތެރޭގައި އެހާ ބޮޑަށް ހިތްހަމަނުޖެހުންތަކެއް ފެނިގެން ނުދާ ކަމަށާއި އެއްވެސް މީހަކަކީ 100 ޕަސެންޓް ހުރިހާ ކަމެއް ކުރެވޭނެ މީހެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއާ ހިލާފަށް އެ ރޫހުގައި އެ ޖޯޝުގައި ސަރުކާރެއް ބަދަލު ކުރުމުގެ ނިޔަތުގައި ތިބި ބަޔަކު ނެތް." ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް މި މަސައްކަތަށް އެންމެ ހިނދުކޮޅަކުވެސް ދުލެއް ދޭން ފެނިވަޑައިނުގަންނަވާ ކަމަށާއި ޖޯޝާއި ފޯރީގައި ކެމްޕެއިން ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ކާމިޔާބު އޮތީ އެމްޑީޕީގެ އަތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު