މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބ. މާޅޮހުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމައި އިފުތިތާހު ކޮށްފިއެވެ.

މާޅޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަދި ކުންފުނީގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫއުގެ ދަށުން މާޅޮހުގައި ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިފައެވެ. އަދި ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފުމާއި ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާއިރު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފައެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސް.ސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 60.45 މިލިއަން ދިވެހި ރުފިޔާއެވެ.