ހޮލީވުޑް މަގުބޫލު ތަރި އެންޖެލީނާ ޖޯލީގެ މިޔުޒިކަލް ބްރޯޑްވޭ ޕްރޮޑަކްސް ޝޯ 'ދަ އައުޓްސައިޑާސް' ގައި އޭނާގެ އެސިސްޓެންޓަކަށް ހަގު ދަރިފުޅު 15 އަހަރުގެ ވިވިއަން ޖޯލީ ޕިޓް ހަމަޖައްސައިފިއެވެ.
"ވިވް ފެނުނީމަ ހަދާން ވަނީ އަހަރެންގެ މަންމަ. އޭނާއަކީ ސެންޓާ އޮފް އެޓެންޝަން ބޭނުންވާ މީހެއްނޫން. އޭނާ ބޭނުންވާނީ އެހެން ކެރެކްޓަރުންގެ ސަޕޯޓަކަށް ވާން. މި މަސައްކަތް ކުރުމަށް އޭނަ ވަރަށް ސީރިއަސް. އަދި އިތުރަށް ކޮންޓްރިބިއުޓް ކުރެވޭނެ ގޮތްތައް ހޯދަންވެސް މަސައްކަތް ކުރޭ" ވިވިއަން އެސިސްޓަންޓަކަށް ހަމަޖެއްސުމާ ގުޅިގެން ދިން ބަޔާނުގައި އެންޖެލީނާ ބުންޏެވެ. އެންޖެލީނާގެ މަންމަ މާޗެލިން ބާޓްރެންޑަކީ ވެސް އޭނާ ދުނިޔޭގައި ހުރި އިރު މަގުބޫލު އެކްޓަރެއް އަދި ޕްރޮޑިއުސަރެއްވެސް މެއެވެ. އޭނާ މަރުވީ 2007 ވަނަ އަހަރުއެވެ.
ވިވިއަންއަށް މިޔުޒިކަލް ތިއޭޓަރަށް ލޯބި ޖެހުނީ އޭނާގެ މަންމައާއެކު މިއަހަރު ކުރީކޮޅު ކެލިފޯނިއާގެ ސެން ޑިއޭގޯގައި އޮތް އެސް އީ ހިންޓޮންސް 1967ގެ އެޑޮޕްޓޭޝަނަށް އުފައްދާފައިވާ "ފެލް އިން ލަވް" ގެ ވޯލްޑް ޕްރިމިއާ އަށް ދިއުމުން ކަމަށްވެއެވެ.
"ވިވިއަން ކުޑަ ކުޑަ އިރުން ފެށިގެންވެސް ތިއޭޓަރު ހުށަހެޅުންތައް ބެލުމަށް އެންޖެލީނާ އޭނާ ގެންދޭ. އެންޖެލީނާ އާއި ވިވިއަން ވަނީ އެސް އީ ހިންޓޮންއާވެސް ބައްދަލު ކޮށްފައި. އެސް އީ ހިންޓޮން އެވާހަކަ ލިޔުނީ ވިވިއަންގެ އުމުރުގައި ކަމަށްވޭ" އެންޖެލީނާމެންގެ އާއިލާއާ ގުޅުން އޮތް މީހާކު ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އެމީހާ އިތުރަށް ބުނީ އެންޖެލީނާވެސް ބްރޯޑްވޭ ޝޯއެއް ޕްރޮޑިއުސްކުރުމަށް ޝައުގުވެރިކަން އުފެދުނީ ހިންޓޮންގެ ފަރާތުން ކަމަށެވެ.
ވިވިއަން އަދި އޭނާގެ ޓުވިން ކްނޮކްސް އަކީ އެންޖެލީނާ އަދި ބްރޭޑް ޕިޓްގެ އެންމެ ހަގު ދަރިންނެވެ. އެއަށްވުރެ ދޮށްޓަށް އެމީހުންގެ ހަތަރު ކުދިން އެބަތިއްބެވެ. 12 އަހަރު އެކީ އުޅުމަށްފަހު ވަރިވުމާއި ހަމަޔަށްވެސް މި ހަ ކުދިން ބެލީ އެ ދެމަފިރިން އެކުގައެވެ. އެމީހުންގެ ވަރި ރަސްމީވީ 2018 ވަނަ އަހަރުއެވެ.
މިދިޔަ އަހަރު އިޓަލީގައި ޝޫޓް ކޮށްފައިވާ އެންޖެލީނާގެ ރިލީސްވާން އުޅޭ ފިލްމު 'ވިތައުޓް ބްލަޑް' ގައި އޭނާގެ ދެ ދަރިންކަމުގައިވާ މެޑޮކްސް އަދި ޕެކްސް އަކީ އެސިސްޓަެންޓް ޑައިރެކްޓަރުންނެވެ.