އިއްޔެ އަވަހާރަވި އައްޝައިހް އުސްމާން އަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި، ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުކޫތެއް ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އައްޝައިހު އުސްމާން އަބުދުﷲ ވަނީ 23 ފެބްރުއަރީ 1980 އިން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް މިލަދުންމަޑުލު އުތުރުބުރީގެ މެންބަރުކަން ކުރައްވާފައި ކަމަށެވެ. އަދި 1980 ގައި އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ޝައިހު އުސްމާން އަބުދުﷲ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމް ދީން އުނގަންނައި ދެއްވުމަށާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ޝައިހް އުސްމާން އަބްދުﷲ އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެ މަނިކުފާނަކީ 2012 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
ޝައިހް އުސްމާން، ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާއިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ފުރަތަމަ ކުރެއްވީ، ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކި ރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް އުފައްދަވައި އެތަން އުވާލަންދެން އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ.
ޝައިހް އުސްމާން ވަނީ އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ އާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން އަމަލީގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލަވައިފަ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްރަށަށް ޝައިހް ވަނީ ޒިޔާރަތް ކުރައްވައި، ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވައިފައެވެ.
އެކަމުގެ އަގުވަޒަންކޮށް އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި ހިދުމަތްކުރުމާއި ދިނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝައިހް އުސްމާނަށް 2012 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވައިފައެވެ.
ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެއް ބޭފުޅަކީވެސް ޝައިހް އުސްމާނެވެ.
އެގޮތުން 1983 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ޝައިހް އުސްމާނާ ހަވާލުކުރެއްވިއެވެ. އަދި ކުރީގެ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ، މުދައްރިސެއްގެ ގޮތުން ޝައިހް އުސްމާން ވަނީ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދެއްވައި، އިމާމުން ތަމްރީނު ކުރެއްވުމުގައިވެސް ވަރަށް މުހިންމު ހިއްސާއެއް އަދާކުރެއްވިއެވެ.
ޝައިހް އުސްމާން ވަނީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު