ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.
ސިރާޖު މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް، ސިރާޖު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުން ނުވާތީ ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިރާޖު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވިކަމުގައިވިޔަސް، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އެ އަތޮޅުން ކާމިޔާބުނުވާނެ ކަމަށެވެ.
"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" ސިރާޖު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައި އިރު، ސިރާޖު ހުންނެވީ ނަޝީދާއެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް ސޯލިހަށެވެ.
ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ސިރާޖު ފާޑުވިދާޅުވަމުން ގެންދަވާ އިރު، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެ ސަރަހައްދުން ހިލޭ ބިން ދިނުމެވެ. އޭނާ ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އަތޮޅުތެރެއާއި މާލެއާ ދެމެދު އޮތް ތަފާތު ކުރުންތައް ނައްތާލަންވެސް ގޮވާލައްވައިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު