މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބ. ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމައި އިފުތިތާހުކޮށްފިއެވެ.

ގޮއިދޫގައި މިއަދި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަދި ކުންފުނީގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 46.30 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައި ފެން ތާންގީ ވަނީ ބަހައްޓައިފައެވެ. އަދި ފެން އުފެއްދުމަށްޓަައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންސް އަޅާފައިވެއެވެ.

އޭގެ އިތުރުން ނަރުދަމާ މައިނެޓްވޯކް އެޅުމާއި ނަރުދަމާގެ އިދާރީ އިމާރާތާއި ޕަމްޕިން ސްޓޭޝަން ގާއިމުކޮށް ސީ އައުޓްފޯލް ވަަނީ އަޅައިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާ އިރު، ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބެނުންވާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ.