ބ. ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިރަށަށް ވަޑައިގެން މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ދައުރުގައި މިރަށަށް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި އެކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.
މި ދައުރުގައިވެސް މިރަށަށް ވަރަށް ގިނަ ކަންކަން ކުރަން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުތަކާ އެކު މިރަށަށް ބޮޑެތި ބަދަލުތަކެއް އަދި ކުރިއެރުންތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެގޮތުން މި ފަޅުތެރޭގަ، ގޮއިދޫ ފުޅަދޫ ފެހެންދޫ ފަޅުތެރޭގަ ރިސޯޓެއް ހެދުމަށް ޕްރައިވެޓް ސެކްޓާއަށް އޯޕަން ކޮށްލާނަން. އަޅުގަނޑު ހިތުން އެއާއެކު އެކަމަށް އިންޓްރެސްޓް ހުންނަ ކިތަންމެ ބައިވަރު އެ ދާއިރާގެ ބޭފުޅުން ތިއްބަވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރަހައްދަކީ ޓޫރިޒަމަށް އެންމެ ފައްކާ ސަރަހައްދު ކަމަށެވެ. ދުނިޔެއަށް އެންމެ މަޝްހޫރު އެއް ބީޗް އޮތީ މި ސަރަހައްދުގައި ކަމަށާއި އެ ބީޗް ބަލަން އަންނާނެ އެތައް ބަޔަކު ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިރަށުގައި ގެންގުޅޭ ކުދި ޑިންގީތައް އެޅުމަށް ފްލޯޓިން ޖެޓީއެއް ހަދައިދެއްވާނެ ކަމަށާއި ޒުވާނުންނަށް އިންޑޯ ވޮލީކޯޓެއްވެސް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިއުނިޓީ ސެންޓަރަކާއި ކުނި ރަނގަޅަށް މެނޭޖް ކުރުމަށް ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. ސަރުކާރު މުވައްޒަފުންނަށް އެކޮމަޑޭޝަން ބްލޮކަކާއި ހެލްތު ސެންޓަރުގައި ލެބޯޓަރީއެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު