ދޫނިދޫގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، [email protected] އަށް މެއިލްކޮށް [email protected] ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރާނެ ކަމަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށް ފުލުހުން ބުންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 28 ވަނަ ދުވަހުގެ 16:00 ކަމަށް ފުލުހުން ބުންޏެވެ.
"ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ފުލުހުން ބުންޏެވެ.
މީގެ ކުރިން ފުލުހުން ވަނީ ފުވައްމުލަކު ސިޓީގައި ވެސް ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރެއް ހުޅުވައިފައެވެ. އެ ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެފައިވަނީ 28 އަހަރު ކުރިން މީހުން ބަންދުކުރާ އިރު، ކުޑަކުދިންނާއި ބޮޑެތި މީހުން ތަފާތު ނުކުރާ ކަމަށެވެ. 28 އަހަރު ކުރިން މީހަކު ކުށެއްކޮށްފި ނަމަ، އިންޒާރެއް ދިނުމަށްފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އަދި އެއީ ދައުވާކުރެވޭ ވަރުގެ ކުށެއްނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓާ އޮފީހަށް ފޮނުވާ ކަމަށާއި އެގޮތަށް ކަންތައްކުރުމުގެ ސަބަބުން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މަންނާނު ވިދާޅުވެފައިވަނީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާ އިރު، ކުއްޖަކު ދެވަނަ ފަހަރަށް ކުށެއް ކޮށްގެން ގެނެވޭ އިރު، އެ ކުއްޖަކަށް ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެ ކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާ ކަމަށެވެ. ނަމަވެސް އެންމެ ކުރީގައި އެގޮތަށް އެކަން ކުރާނެ ބަޔަކު ނުތިބޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފުވައްމުލަކުގައި ހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ލައިބްރަރީއަކާއި ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓާ ލެބެއް ގާއިމުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު