ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ، މާލީ އެހީ ބޭނުންވާ މީހުންނަށް "އުންމީދު ފަންޑު"ގެ ނަމުގައި އެއް ބިލިއަން ރުފިޔާގެ ފަންޑެއް ހުޅުވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ވެރިކަމެއްގެ "މާލީ ތަރައްގީގެ ސިޔާސަތު" ހުށަހެޅުމަށް ރޭ ބޭއްވި ޖަލްސާގައި، ނާޒިމް ފާހަގަކުރެއްވި ގޮތުގައި އޭނާ ކުރެއްވި ދަތުރުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މާލީ ތަނަވަސްކަން ނެތުން ކަމަށެވެ.
ނާޒިމް ވިދާޅުވީ، ފުދުންތެރިކަން ނެތް މީހުންނަށް އޭނާގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް ޓަކައި އެއް ބިލިއަން ރުފިޔާގެ "އުއްމީދުގެ ފަންޑު" ހުޅުވާނެ ކަމަށެވެ.
އެ ފަންޑުގެ ބޭނުމަކީ، ބިކަ ހާލުގައި އުޅޭ މީހުންނާއި ބޭސްފަރުވާގެ ކަންކަން ހަމަނުޖެއްސޭ މީހުންނާއި ކުލި ދެއްކުމާއި ބިލުތައް ދެއްކުމަށް އެހީ ބޭނުންވާ މީހުންނަށާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސަން ދަތިވެފައިވާ މީހުންނަށް އެ ކަންކަން ކޮށްދިނުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ރާއްޖޭގެ ޒައާމަތާ ހަވާލުވާ ދުވަހުން ފެށިގެން މި ކަން ތަންފީޒު ކުރާނެ ވާހަކަ ދަންނަވާލަން ބޭނުންވޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ކެމްޕެއިންގެ ޓީމުން ބުނި ގޮތުގައި، އެ ފަންޑުގެ އެހީތެރިކަމަށް އެދި ހުށަހަޅާ ތަރުތީބުން، ފަންޑު ހުސްވަންދެން ފައިސާ ދޫކުރާނެ ކަމަށެވެ. އެ ފަންޑުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު އެ ޕާޓީން ވަނީ އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު