ރާއްޖޭގައި ވެރިކަންކުރާ މީހުން ޖަލަށް ލުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ސަރުކާރެއްގެ "މާލީ ތަރައްގީގެ ސިޔާސަތު" ހުށަހެޅުމަށް ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، އިންތިހާބު ބޯމަތިވަމުން އަންނައިރު، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައި ކަމަށާއި އިދިކޮޅުން ރިޔާސީ އިންތިހާބަށް އެހެން ގޮތެއް ހޯދަން މަޖުބޫރުވީ އެހެންވެގެން ކަމަށެވެ.
ނާޒިމް ވިދާޅުވީ، އަނިޔާވެރިވުމުގެ ސިޔާސަތުތައް ނައްތާލަން ޖެހޭ ކަމަށެވެ.
"ކޮންމެ ވެރިކަމެއް ނިމޭއިރު ކުރީގެ ރައީސް ހައްޔަރުކުރުމާއި އަދި ވެރިކަމަށް އަތުވެދާނެ ކަމަށް ބެލެވޭ މީހަކު ޖަލަށް ލުމުގެ ސަގާފަތް ނައްތާލަން ޖެހޭ" ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވައި، ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެ ބޭފުޅުންގެ އާއިލާއަށްވެސް އަނިޔާވެރި ނުވާނެ ކަމަށާއި މިނިވަންކަމާއެކުގައި އުޅުމުގެ ފުރުސަތު އެ ބޭފުޅުންނަށް ދެއްވާނެ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ރަށްރަަށުގައި ކެމްޕެއިން ކުރާއިރު، ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް ވިސްނަން ޖެހޭ ކަމަށާއި ގައުމަށް ވުރެ ޕާޓީއެއް ދުވަހަކުވެސް ބޮޑެއް ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އަމަލުތައް ބަހައްޓަން ޖެހޭނީ ގައުމުގެ މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު