ޕާކިސްތާނުގައި އަދި ތިންމަސް ފަހުން އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާތީ ގާނޫނުހަދާ މަޖިލިސް އުވާލައި ބޮޑުވަޒީރު ޝާހުބާޒު ޝަރީފު ވެރިކަމާ ދުރަށްޖެހިވަޑައިގެން ވަގުތީ އައު ބޮޑުވަޒީރަކު މިހާރު ވަނީ އައްޔަންކޮށްފައެވެ. އައު ބޮޑު ވަޒީރަކީ ކާކުބާވައެވެ؟ އޭނާގެ މަސްއޫލިއްޔަތަކީ ކޮބައިބާވައެވެ؟ އައު ބޮޑުވަޒީރަކީ އަންވާރުލް ހައްގު ކާކަރެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ބަލޫޗިސްތާނަށެވެ. އެއީ ޕާކިސްތާނުގެ ޕްރޮވިންސްތަކުގެ ތެރެއިން އެންމެ ބައިމަދު ޕްރޮވިންސެވެ. އަންވާރުލް ހައްގަކީ ޕާކިސްތާނުގެ ގައުމީ ޕޮލިޓިކްސްގައި މިހާތަނަށް މާބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް ނޫނެވެ. މާބޮޑު މަޝްހޫރުކަމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްވެސް ނޫނެވެ. އެހެންވީމާ ވަގުތީ ބޮޑުވަޒީރަކަށް އޭނާ އައްޔަންކުރުމަކީ ސުވާލުތަކެއް އުފެދުނު ކަމެކެވެ.
ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާގޮތުން އާއްމު އިންތިޚާބު ބާއްވަންވާނީ އިންތިގާލީ ސަރުކާރެއްގެ ބެލުމުގެ ދަށުންނެވެ. އެއީ އިންތިޚާބުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރަކަށް އައްޔަންކުރާނީ މަގާމުން ވަކިވެވަޑައިގެންނެވި ބޮޑުވަޒީރާއި އުވައިލެވުނު ޕާލަމެންޓުގައި އެންމެ ބޮޑު އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ބޭފުޅަކު މަޝްވަރާ ކުރައްވައި އެއްބަސްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެބޭފުޅަކު މަގާމަށް އައްޔަން ކުރައްވާނީ ގައުމުގެ ރައީސެވެ. އެގޮތުން އައްޔަން ކުރެވޭ ބޮޑުވަޒީރުގެ ކެބިނެޓާއި ސިޔާސީ އެނޫން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވޭނީ ކުރީގެ ބޮޑުވަޒީރާއި އިދިކޮޅު ލީޑަރު އެކުލަވައިލައްވާ ލިސްޓަކުންނެވެ. އެގޮތުން އަންވާރުލް ހައްގަކީ ކުރީގެ ބޮޑުވަޒީރު ޝާހުބާޒު ޝަރީފާއި އިދިކޮޅު ލީޑަރު ރިޔާޒު އަހުމަދުގެ ހޮއްވެވުމެކެވެ.
އިމްރާނު ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މީގެ ދޮޅުއަހަރެއްހައި ދުވަސްކުރިން ހިންގުނު ހަރަކާތުގެ ތެރެއިން ގާނޫނުހަދާ މަޖިލިސް އޮތީ ވަރަށް ބޮޑަށް ގަޑުބަޑުވެފައެވެ. އަސްވިއްކުމާއި ލަގަންވެސް ވިއްކުމުގެ ތެރެއިންނެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު އަހުމަދު ނިސްބަތްވެވަޑައިގަންނަވަނީ ޕާކިސްތާން މުސްލިމް ލީގު (ނަވާޒު) ޕާޓީއަށެވެ. ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންނެވި ޝާހުބާޒު ޝަރީފު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަކީވެސް އެއީއެވެ. އެކަމަކު ރިޔާޒު އަހުމަދު ކުރިން ހުންނެވީ އިމްރާން ޚާނުގެ ތަހުރީކޭ އިންސާފު ޕާޓީގައެވެ. ކޮންމެއަކަސް އެއްޕާޓީއެއްގެ ތެރެއިން އެއްބަސްވެލައިފައި ރައީސް އާރިފް އަލްވީގެ އަރިއަހަށް ފޮނުވި ނަމަކީ އަންވާރުލް ހައްގުގެ ނަމެވެ. ރައީސް އަލްވީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަކީ އިމްރާނުގެ ތަހުރީކޭ އިންސާފު ޕާޓީއެވެ.
އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަތަސް އިމްރާނު މަގާމުން ދުރުކުރެވުނު ފަހުން ރައީސް އަލްވީ ހުންނަވަނީ ބޮޑަށް މުސްލިމް ލީގު (ނަވާޒު) ފަޅީގައެވެ. މިކަންކަން މިހެން އޮތީމާ އަންވާރުލް ހައްގަކީ މުޅިންވެސް މުސްލިމް ލީގު (ނަވާޒު) ގެ ހޮވުމެކޭ ބުނަން ފުރުސަތު އެބައޮތެވެ. އެކަމަކު މިއަށްވުރެ ބޮޑަށް ތަހުލީލުކޮށް ބެލީމާ އަދި އެހެން މަންޒަރެއް އެބަފެނެއެވެ. އެ މަންޒަރަކީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ދައުރެވެ. އަންވާރުލް ހައްގު ކުރިން ހުންނެވީވެސް މުސްލިމް ލީގުގެ މެންބަރެއްގެ ގޮތުގައެވެ. އޭނާއަކީ ޕާކިސްތާނުގެ ސެނެޓުގެ މެންބަރެކެވެ. ސެނެޓަކީ ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެއެވެ. އެތަނުގައި އިންނަވައިގެން އޭނާ ކުރައްވާހާވެސް ކަމަކީ އަސްކަރިއްޔާއަށް ތައުރީފު ކުރެެއްވުމެވެ. އެގޮތުން އޭނާއަކީ އަސްކަރިއްޔާގެ ދުންމާރިއެކޭވެސް ބުނެވެއެވެ.
ސެނެޓުގެ ގޮނޑިޔަކަށް އިންތިޚާބުވުމުގެ ކުރިން އޭނާއަކީ ބަލޫޗިސްތާނުގެ ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނެވެ. އޭރުވެސް ކުރެއްވި ކަމަކީ އަސްކަރިއްޔާއަށް ތައުރީފު ކުރެއްވުމެވެ. އެހެންވީމާ އަންވާރުލް ހައްގަކީ އަސްކަރިއްޔާގެ ހޮވުމެކޭ ބުނަން ފުރުސަތު އެބައޮތެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއަކީ އަބަދުވެސް ފަރުދާގެ ފުރަގަހުގައި ތިބެގެން ވެރިކަމަށް އުނދުޅި ބޭނުމުގެ ރިކޯޑު އޮންނަ މުއައްސަސާއެކެވެ. ބޮޑުވަޒީރުން ގެނައުމާއި ބޭލުމުގައި އަސްކަރިއްޔާއިން އަދާކުރާ ދައުރަކީ ސިއްރުވެފައި އޮންނަ ދައުރެއްވެސް ނޫނެވެ. އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް އައީވެސް އޭނާއާ އަސްކަރިއްޔާ މުޑިއެރުމުންނެވެ. ޕާކިސްތާނުގެ މުޅި ތާރީޚުގައި އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަ ނުކުރެއްވުމުގެ މައިގަނޑު ސިއްރަކީވެސް ހަމަ އަސްކަރިއްޔާއެވެ. އެއީ ދައުލަތެއްގެ ތެރޭގައި އޮންނަ ދައުލަތެެއްފަދަ މުއައްސަސާއެކެވެ.
ޕާކިސްތާނުގެ ގާނޫނުއަސާސީ ފަރުމާ ކުރެވިފައި އޮންނަ ގޮތުން އިންތިގާލީ ސަރުކާރަކަށް މާބޮޑެތި ބޮޑެތި ނިންމުންތަކެއް ނުނިންމޭނެއެވެ. ބޮޑެތި ކަންކަމެއް ނުކުރެވޭނެއެވެ. ގާނޫނުހަދާ މަޖިލީސް އުވައިލާ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެއެވެ. އެކަމަކު މި ދެ ނުގުތާއިންވެސް އަންވާރުލް ހައްގުގެ ސަރުކާރު އޮތީ އިސްތިސްނާ ވެގެންނެވެ. އިގްތިސާދީ ކަންކަމުގައި އެންމެ ބޮޑެތި އިޚުތިޔާރު އެބައޮތެވެ. އިންތިޚާބު ފަސްކުރުމުގެ އިޚުތިޔާރުވެސް އެބައޮތެވެ. އެއީ އެންމެފަހުގެ ބޯހިމެނުމަށްފަހު އިންތިޚާބީ ދާއިރާތައް އެކަށައެޅިފައި ނުވާތީ އެކަމަށް ވަގުތު ބޭނުންވާ ކަމަށްޓަކައެވެ. ފަހަރުގައި މި ސަރުކާރު އަހަރަކަށްވެސް ދެމިއޮވެދާނެއެވެ. މިކަންކަމަށް ވިސްނާފައި އަސްކަރިއްޔާއިން ބޮޑުވަޒީރަކަށް ގެނެސްފައި އެވަނީ އެމީހުންގެ ބަސްއަހާނެކަން ކަށަވަރު ބޭފުޅެކެވެ. ޕާކިސްތާނުގެ ރައްޔިތުން ދަންނަ މީހެއްތޯ ނުވަތަ ނޫންތޯ ބެލުން، އެއީ މުޅިން އެހެން ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ