އައްޑޫ ސިޓީގައި ބޭއްވި އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން ޓީމު ފެހުރިހި ހޯދައިފިއެވެ.

އައްޑޫގައި އުރީދޫ މަސްރޭސް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ސިޓީއިން މަސް ރޭހުގައި ހަތް ޓީމު ވާދަކުރިއެވެ.

އައްޑޫގައި ބޭއްވި އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން ފެހުރިހިން ހޯދީ 220.9 ޕޮއިންޓާއެކުގައެވެ. މި މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ 141.6 ޕޮއިންޓާއެކު ޓީމު ހޮންޑެލިއެވެ. މުބާރާތުގެ ތިންވަނަ، 131.9 ޕޮއިންޓާއެކު ހޯދާފައިވަނީ ބަރަކޫޑާ ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 5.5 ކިލޯގެ ކުރުމަހެކެވެ. އެ މަސް ބާނާފައިވަނީ ޗެމްޕިއަންކަން ހޯދި ފެހުރިހި ޓީމުގެ ނަޖާއެވެ. އެންމެ ބަރު މަސް ބޭނި ފަރާތަށް މިއަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރު ސީގިއާގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މިއަހަރުގެ އުރީދޫ މަސް ރޭހަކީ، އުރީދޫ މަސްރޭހުގެ ތާރީހުގައި ކައްޓެޅި މަސް ބޭނި ފުރަތަމަ ފަހަރެވެ. ކައްޓެޅިމަސް ބާނާފައިވަނީ މުބާރާތުގެ ތިންވަނަ ކާމިޔާބުކުރި ބަރަކޫޑާ ޓީމުން ޖިނާހު އަދި ޝާނިޒެވެ.

މި މުބާރާތުގެ އެންމެ މޮޅު ކެޔޮޅުގެ މަގާމު ޓީމު ހެޕީ މާކެޓުން އިބްރާހިމް އަބްދުﷲ ހޯދާފައިވާ އިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ހޯދާފައިވަނީ ފެހުރިހި ޓީމުން އަޒްލިފާ އަޒީޒެވެ. އިބްރާހިމް އަބްދުﷲ ހަތް މަސް ބާނާފައިވާ އިރު، އަޒްލިފާ ބާނާފައިވަނީ ހަތަރު މަހެވެ.

މި މުބާރާތުގެ އެންމެ ފަހު ސިޓީ، ފުވައްމުލައް ސިޓީގައި މަސްރޭސް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.