ބޮޑު ބަދަލަކާއެކު އައިފޯން 15 އަންނަ މަހު ނެރޭނެ ކަމަށް ޔަގީން ރިޕޯޓުތައް ބުނެފިއެވެ.
2012 ވަނަ އަހަރަށް ފަހު އެޕަލް އިން އުފައްދާ އައިފޯނަށް އަންނާނެ އިންގިލާބީ ބޮޑު ބަދަލު އަންނަ މަހު ނެރޭ އައިފޯނު 15 ގައި ފެނިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އާ އައިފޯނުގައި މީގެ ކުރީ އައިފޯނުގައި ހުންނަ ލައިޓްނިން ޗާޖަރު ޕޯޓުގެ ބަދަލުގައި ހުންނާނީ ސީޓައިޕް ޗާޖިން ޕޯޓެއް ކަމަށް ބެލެވޭ ކަމަށް އިތުބާރު ޓެކް ރިޕޯޓުތަކުން ބުނެއެވެ.
އައިފޯނުގެ ޗާޖިން ޕޯޓަށް ބަދަލު އަންނާނެ ކަމަށް އެޕަލް އިން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ކޮމެންޓު ކޮށްފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫރަޕިއަން ޔޫނިއަން އިން ދާދިފަހުން ފާސްކޮށްފައިވާ ގަވާއިދުގައި ވާގޮތުން 2024 ވަނަ އަހަރުން ފެށިގެން އުފައްދާ ފޯނުތަކުގައި ހުންނަން ޖެހޭނީ ސީޕޯޓެވެ. މިދިޔަ އަހަރު ފާސްކުރި އެ ގަވާއިދާ ގުޅިގެން އެޕަލްގެ ޗީފް މާކެޓާ ގްރެގް ޖޮސްވިއަކް ވަނީ އެ ކުންފުނިން އީޔޫގެ ގައުމުތަކަށް ވަކިން ހާއްސަކޮށްގެން އައިފޯން ނުއުފައްދާނެ ކަމަށް ވިދާޅުވެފައެވެ.
އެޕަލް އިން އައިފޯން ނެރުމަށް ބާއްވާ އިވެންޓު އޮންނާނީ އަންނަ މަހުގެ 12 ނުވަތަ 13 ވަނަދުވަހުގައެވެ.