ހަތް ތުއްތު ކުއްޖަކު މަރާލިކަމުގެ ކުށް އިނގިރޭސި ނަރުހެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.
އުމުރުން 33 އަހަރުގެ ލޫސީ ނަމަކަށް ކިޔާ އެ ނަރުސް މީހާ އެތައް ކުދިންނަކަށް އެކިވަރުގެ އަނިޔާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ކްރައުން ކޯޓުގައި ކުރިއަށްދާ މައްސަލަައިގެ އަޑުއެހުމުގައި ވަނީ ސާބިތުވެފައެވެ.
ކޯޓުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ލޫސީ ވަނީ އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގައި 2015 އާއި 2016 ވަނަ އަހަރު ތެރޭ 13 ތުއްތު ކުއްޖަކަށް ހަމަލާދީފައެވެ.
އެ 13 ކުދިންގެ ތެރެއިން ހަތް ތުއްތު ކުއްޖެއް މަރާލާފައިވަނީ އެކި ވަރުގެ އަނިޔާކޮށްގެންނެވެ. އެގޮތުން ލޫސީ ވަނީ އެއް ކުއްޖެއްގެ ލޭނާރަށާއި ބަނޑަށް ހުސް އިންޖެކްޝަނެއް ޖަހައިފައެވެ. މީގެ އިތުރުން އެހެން ކުއްޖަކަށް މާގިނައިން ކާންދީފައިވެއެވެ. މަރުވި ބައެއް ކުދިންނަށް ހަމަލާދިނުމުގެ އިތުރުން އިންސުލިންގެ މަތީ ޑޯޒްއެއް ދީގެންވެސް ކުއްޖަކު މަރާލާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ލޫސީ ވަނީ އެ ކުދިން މަރާލުމަށްފަހު އެއީ ގުދުރަތީ މަރެއް ކަމަށް ސިފަކޮށްދޭން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެހެން ނަރުހުންނަށް މައުލޫމާތު އޮޅުވާލައިފައެވެ.
ތުއްތު ކުދިންގެ މަރުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ވަނީ މިނިވަން ތަހުގީގެއް ކުރާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އިނގިރޭސި ތާރީހުގައި މިހާތަނަށް ހިނގައިދިޔަ ތުއްތު ކުދިން މަރާލުމުގެ އެންމެ ބޮޑު މައްސަލަ ތަހުގީގުކޮށް އެފަދަކަމެއް އިތުރަށް ތަކުރާރު ނުވުމަށް ހާއްސަ އިވެލުއޭޝަނެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ