ގއ. މަޑަވެއްޔާއި ގދ. ކޮލަމާފުށީގެ ބިން ހިއްކަން ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ.
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ 44.3 މިލިއަން ރުފިޔާއަށް ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ކޮލަމާފުއްޓަށް އިތުރު ކުރަން ނިންމާފައި ވަނީ 9.16 ހެކްޓަރުގެ ބިމެވެ. އަދި 823 މީޓަރުގެ ޑްރެއިނޭޖް ބަޔޮސްވޭލެއް ގާއިމުކުރާނެއެވެ.
މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތް ކުރަންވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. އެއްބަސްވުމުގައިވާ ގޮތުން 77.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ 13 މަސް ދުވަހެވެ.
އެ މަޝްރޫއުގެ ދަށުން 8.85 ހެކްޓަރު ހިއްކައި، 450 މީޓަރުގެ ޑްރެއިނޭޖް ބަޔޮސްވޭލެއް ގާއިމުކޮށް، 628.70 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހައި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖަހާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އީއައިއޭ ހެދުމަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު