މެލޭޝިއާގައި ޕްރައިވެޓް ޖެޓެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.

މެލޭޝިއާގެ ލަންގްކަވީން ކުއަލަ ލަމްޕޫރުގެ ހުޅަނގުގައި އޮންނަ ސެލަންގޯއަށް ދަތުރުކުރި އެ ޖެޓު ވެއްޓި ފުނޑުފުނޑުވީ ކާރުބާރު ބޮޑު ހައިވޭއެއްގެ މައްޗަށެވެ. ޖެޓު ވެއްޓުނު ވަގުތު ހައިވޭގައި ދަތުރުކުރި ކާރަކާއި ސައިކަލެއްގައި ޖެހިފައިވާ ކަމަށް މެލޭޝިއާގެ ފުލުހުން ބުނެއެވެ.

ފުލުުހުން ބުނި ގޮތުގައި، ހަ ފަސިންޖަރުންނާއި ދެ ކުރޫއިން ދަތުރުކުރި އެ ޖެޓު ވެއްޓުމުގެ ކުރިން ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުނެވެ. އަދި މަރުވި މީހުންގެ ތެރެއިން ދެނެގަނެވޭ ވަރުނުވާ މީހުންގެ ހަށިގަނޑުތަކުގެ ފޮރެންސިކް ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

ޖެޓު ވެއްޓުނު ސަބަބު ހޯދުމަށް އޭގެ ކަޅުފޮށި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މެލޭޝީއާގެ ޓްރާންސްޕޯޓު މިނިސްޓަރު އެންތޮނީ ލޫކް ވަނީ ތަހުގީގު ކުރުމަށް ހާއްސަ އެކްސްޕާޓުންގެ ޓީމެއް އެކުލަވާލައިފައެވެ.