ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ކުޑަހުވަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ރޭ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނަވާފައިވާ ކަމަށެވެ. އެއީ ދެބަސް ނުވެވޭނެ ހަގީގަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ފަސް އަހަރު ފެންނިގެން ގޮސްފައިވަނީ އޭގެ އިދިކޮޅު ކަމަށާއި އެހެންވެ ތަރައްގީ ގެންނަންޖެހޭ އެންމެ މުހިންމު އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސީ އެމްބިއުލާންސް ތައާރަފުކޮށްފައިވާ ކަމަށާއި އޭގެ ނަފާ އެތައް ބަޔަކަށް ކުރަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު ބައެއް މަޝްވަރާތައް ކުރެވި ބައެއް މައުލޫމާތު އެއްކުރެވި އަޅުގަނޑުމެންގެ މެނިފެސްޓޯއަށް ކުރި މަސައްކަތުގެ ދަށުން، އަޅުގަނޑުމެން އެއާ އެމްބިއުލޭންސްގެ ހިދުމަތް ރާއްޖޭގައި ތައާރަފު ކުރާނަން. އެގޮތުން މި ދުއްވާ ސީޕްލޭންގެ އެއާޕްލޭނެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކަތި ފުރޮޅުލައި އޭގެ އެއް ބޯޓް އަޅުގަނޑުމެން ފުލީ އިކުއިޕްޓް އެއާ އެމްބައުލޭންސްއަކަށް ބަދަލުކޮށް އުދުއްސަން ފަށާނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުވެއްޖެ ނަމަ، އޭގެ އިތުރު ބޯޓުތައް ގެނެސް، އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. އޭގެ ސަބަބުން ހުރިހާ އެއާޕޯޓަކަށްވެސް ފަސޭހަވެ، ބަލި މީހުން އެއްތަނުން އަނެއް ތަނަށް އަވަހަށް އުފުލޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭނެ އުފަލަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.