އަންނަ އަހަރަށް ލަފާކޮށް އިންޑޮނޭޝިޔާ އިން 216 ބިލިއަން ޑޮލަރުގެ ބަޖެޓެއް އެ ގައުމުގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއީ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށްވުރެ ހަ ޕަސެންޓް ބޮޑު ބަޖެޓެކެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ 216 ބިލިއަން ޑޮލަރު ނުވަތަ އިންޑޮނީޝިއާގެ 3.3 ޓްރިލިއަން ރުޕިއާގެ ސަބަބުން ބައިނަލްއަގުވާމީ އަދި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށެވެ.

އިންޑޮނޭޝިޔާގެ ސަރުކާރުން ވަނީ އެ ގައުމުގެ އިގުތިސާދު އަންނަ އަހަރު 5.2 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައެވެ. އެ ގައުމުގެ އިގުތިސާދު މި އަހަރު ކުރިއަރާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައި ވަނީ 5.3 ޕަސެންޓެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންޑޮނޭޝިޔާގެ މަޖިލީހުން ބަޖެޓާ މެދު މަޝްވަރާ ކުރުމަށްފަހު ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ.