ހުއްދަ ނުނަގައި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި ބައެއް ކުންފުނިތަކުން ވިޔަފާރީގެ އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށާއި އެ މިނިސްޓްރީން ހުއްދަ ނުދޭ ކުންފުންޏަކުން މީހުން އުމްރާއަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށެވެ.
"ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެ ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގައި ބުނާގޮތުން އުމްރާއަށް މީހުން ގެންދަން ކުންފުންޏަކަށް ހުއްދަ ދޭނީ ދެ އަހަރަށެވެ. އަދި ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެއް ކަމަށް އެ އުސޫލުގައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި އެގޮތަށް އަމަލުކޮށްގެން ކުރިމަތިވާ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު