މަޝްހޫރު ސިޔާސީ ހުރިހާ މީހުން އެންމެ ގިނަ އިން ބޭނުން ކުރަމުން އައި ޓުވިޓާއަށް ބޮޑު ބަދަލުތަކެއް ގެންނަމުން އެބަދެއެވެ. ކުރިން މަޝަހޫރު މީހުންނާއި ސިޔާސީ ލީޑަރުންނަށް ދެމުން އައި ނޫ ބެޖް ވިއްކާ އެއްޗަކަށް ހަދައި ބޮޑު ވިޔަފާރިގަނޑެއް ހިންގައިފިއެވެ.
އެކްސްގެ ނަމަށް ރީބުރޭންޑް ކޮށްފައިވާ އެލޮން މާސްކްގެ ޓުވިޓާ ބްލޫ ބެޖް، ބޭނުން ވެއްޖެ ހިނދެއްގައި ފޮރުވޭ ގޮތް މިހާރު ވަނީ ހަދައިފައެވެ. އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައިވާ ބްލޫ ޗެކްމާކް ފޮރުވުމުގެ ބޭނުމާއި މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ ޓުވިޓާގެ ބުލޫ ބެޖަކީ ގިނަ ބަޔަކު ބޭނުން ވެގެން 11 ޑޮލަރު ދީގެން ގަންނަ އެއްޗަކަށް ވެފައި ބުލޫބެޖް އަމިއްލައަށް ހައިޑް ކުރުމުން ޓުވިޓާ ބްލޫ ސަބްސްކްރައިބްކޮށް ފައިސާ ދެއްކުމުގެ ބޭނުން ނުހިފޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އެހެން ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި ނޫ ބެޖް ގަންނަ ފަރާތްތަކަށް އިތުރު ފީޗާސްތަކެއް ލިބޭތީ އެ ގަންނަ މީހުންވެސް މިހާރު މަދެއް ނޫނެވެ. ދާދި ފަހުން ވެބް އަދި މޯބައިލް އެޕްތަކުގައި "ހައިޑް ޔޯ ބްލޫ ޗެކްމާކް" އޮޕްޝަން ފާހަގަވާން ފެށިއިރު، ޓުވިޓަރަށް ފައިސާ ދައްކާކަން ފޮރުވައި އޭގެ ބަދަލުގައި ލިބޭ އިތުރު ފީޗާސްތައް ބޭނުން ކުރަން ބޭނުންވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެގޮތުން ނޫ ބެޖް ގަންނަ ފަރާތްތަކަށް ޓުވީޓް ކުރުމަށް ފަހު 1 ގަޑިއިރުގެ ތެރޭގައި ކުރި ޓުވީޓް އެޑިޓް ކުރެވޭނެވެ. މީގެ އިތުރުން ދިގު ޓުވީޓް ލިޔުމުގެ ފުރުސަތު ލިބުމާއި ޓުވިޓަރުން ދޭ އެހެނިހެން ޓެކްނިކަލް އެހީތެރިކަން ދިނުމުގައި ވެސް ނޫބެޖް ގަންނަ ފަރާތްތަކަށް އަވަސް ހިދުމަތް ލިބުމުގެ ފުރުސަތު އޮވެއެވެ.
ޓުވިޓާއިން ކުރިން އެކައުންޓް ދެނެގަތުމަށް ނުވަތަ އިތުބާރު ކުރުމަށް ބްލޫ ޗެކްމާކް ވެރިފިކޭޝަން ސިސްޓަމެއް ބޭނުންކުރި ނަމަވެސް އެލޮން މާސްކް ޓުވިޓާ 44 ބިލިއަނަށް ގަތުމަށްފަހު، ބްލޫ ސަބްސްކްރިޕްޝަނަކީ ވިއްކާ އެއްޗެއްގެ ގޮތުގައި ހެދިއެވެ. އަދި ޖެހުނު ކޮންމެ މީހަކަށް ނޫބެޖްގެ "ވެރިފައި" ކުރުމުގެ ހުއްދަ ދޭން ފެށުމުން ފޭކް އެކައުންޓްތަކާއި ގޮތް ނޭނގޭ އެކިއެކި ކަންކަން މެދުވެރިވެ ޓުވިޓަރަކީ އޮޅުން ބޮޅުން ބޮޑު އެޕްލިކޭޝަނަކަށް ވެގެން ދިޔައެވެ. ޓުވިޓާގެ ނޫ ބެޖް ގަނެފިނަމަ މިހާރު އެ ހިދުމަތުން ޕްރޮފައިލަށް އިޚުތިޔާރީ ބްލޫ ޗެކްމާކެއް އިތުރުކޮށް، އެ ނޫބެޖް ގަނެފައިވާ ތާރީހެއް އެޓޭޗް ކުރާނެ އެވެ. ކުރިންވެސް ލެގަސީ ވެރިފައިޑް އެކައުންޓްތަކުގެ ތެރޭގައި ބްލޫ ސަބްސްކްރިޕްޝަން ސިސްޓަމްގައި، ޓުވިޓާގައި އަސްލު ވެރިފައި ކުރި ތާރީހު ހިމެނެ އެވެ.
ޓުވިޓާގެ ވެރިޔާ އެލޮން މާސްކް މިހާރު އަންނަނީ ޓުވިޓާ ރީބުރޭންޑް ކޮށް ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޓުވިޓާ ތެރޭގައި ޕޭމަންޓް ސިސްޓަމެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. އީވޮލެޓް ހިމަނައި ޑިޖިޓަލް ކަރަންސީ ނުވަތަ އިލެކްޓްރޯނިކް ފައިސާގެ މުއާމަލާތްތައް ކުރެވޭ އެޕްލިކޭޝަނަކަށް ވެސް މިހާރު ނަން ބަދަލުކޮށްފައިވާ "އެކްސް" ހަދާނެ ކަމަށް ވަނީ ބެލެވިފައެވެ. "އެވްރިތިންގް އެޕް" އެއްގެ ގޮތުން އެކްސް އަށް އެ ހިދުމަތް ތައާރަފު ކުރުމުން ކުޑަކުޑަ ނޫކުލައިގެ ދޫނި ނުވަތަ ޓުވިޓާގެ އަސްލު މިހާރު ވަނީ ގެއްލިފައި ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ