Close Election
Close
ބޮލީވުޑް

އަނުޝްކާ އާއި ވިރާތު އަލީބާގްގައި ކްރިކެޓް ޕިޗެއް އަޅަނީ

ފިލްމީ ތަރި އަނުޝްކާ ޝަރްމާ އަދި އޭނާގެ ފިރިމީހާ ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީ އެމީހުންގެ އަލީބާގް ފާމްހައުސްގައި ކްރިކެޓް ޕިޗެއް އަޅަން ނިންމާފައިއެވެ.

އަލީބާގްގައި ހުންނަ ޒިރާދް ވިލެޖުގައި 8 އޭކަރުގެ އެ ބިން މި ދެމަފިރިން ގަތީ 2022 ވަނަ އަހަރުއެވެ. 19.24 ކްރޯޑަށް އެބިން ގަނެފައިވާއިރު މިހާރު ވަނީ އެތަނުގައި ބޮޑު ބަންގަލޯއެއް ހެދުމުގެ ހުއްދަވެސް ހޯދައިފައެވެ.

ދެމަފިރިންނަކީވެސް ގުދުރަތީ ރީތިކަމަށް ލޯބިކުރާ ދެމީހުންކަމުން އެމީހުން ވަނީ އެ ބަންގަލޯ ހަދާއިރު ފެހިކަން ގަދަކޮށް ސާދާކޮށް ހެދުމަށް އާކިޓެކްޓަށް އިރުޝާދު ދީފައެވެ. އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި އެ ބިމުގައި ކްރިކެޓް ޕިޗެއް ވެސް ހެދުމަށް ނިންމާފައިވާއިރު، އެތަނުގެ ކިތަންމެ ކުޑަ މަސައްކަތެއްވިޔަސް އެންމެ ކައިރިން ވިރާތު ބަލަމުން އަންނަ ކަމަށެވެ.

މިވަގުތު މިދެތަރިންވެސް ދިރިއުޅެނީ މުމްބާއީގައެވެ. އެމީހުންގެ އެޕާޓްމަންޓަ އަރަބި ކަނޑުފެނެއެވެ. މިދެތަރިންގެ ބަންގަލޯއެއް ގުރުގްރާމްގައިވެސް އެބަހުއްޓެއެވެ. މީގެ އިތުރުން ޖޫހޫގައި ހުންނަ ކިޝޯރު ކުމާރުގެ ބަންގަލޯ ކުއްޔަށް ނަގައިގެން ވިރާތު ގެންދަނީ ހައިއެންޑް ރެސްޓޯރަންޓެއް ހިންގަމުންނެވެ.

އަނުޝްކާ އާއި ވިރާތު ކައިވެނި ކުރީ ޑިސެމްބަރު 2017 ގައި އިޓަލީގައެވެ. ޖެނުއަރީ 2021ގައި މިދެމަފިރިންނަށް ވަނީ އަންހެން ދަރިއަކު ލިބިފައެވެ.