ޖަރުމަނުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޖަރުމަން ސުޕަ ކަޕްގައި އާރްބީ ލެއިޕްޒިގުން 3-0 ގެ ނަތީޖާއަކުން އެންމެފަހުގެ ލީގު ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފިއެވެ.
އެލިއަންޒް އެރީނާގައި ރޭ ކުޅުނު ޖަރުމަނު ސުޕަ ކަޕްގެ ކުރިން އެންމެ ބޮޑަށް ލޯތައް އަމާޒުވެފައި އޮތީ ހެރީ ކޭންއަށެވެ. މިއަދުގެ ވަގުތެއްގައި ބަޔާންއިން ކޭންގެ ޓްރާންސްފާ އިއުލާނު ކޮށްފައިވާ އިރު، ރޭގެ މެޗު އޭނާ ފެށީ ބެންޗުންނެވެ. ބަޔާނަށް ސޮއިކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ކޭން ރޭގެ މެޗުގެ ސްކޮޑުގައި ކޯޗު ތޯމަސް ޓުޗެލް ހިމަނާފައިވާ އިރު، އޭނާ މެޗަށް ނުކުތީ މަދު ވަގުތު ކޮޅަކަށެވެ.
އުމުރުން 30 އަހަރުގެ ކޭން ޓޮޓެންހަމް ދޫކޮށް، މިއަދު ބަޔާނަށް ބަދަލުވީ 20 އަހަރު އެ ކްލަބުގައި ހޭދަކޮށްފައެވެ. ކްލަބު ރެކޯޑު އަދަދަކަށް ކޭން ގޯލު ޖަހައިދީފައިވާ އިރު، އެ ކްލަބާއެކު ކޭންއަށް އޮތީ ތަށްޓެއް ނުހޯދިއެވެ. އޭނާގެ ކެރިއަރުގައި އަދި އަލަށްވެސް ތަށްޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބަޔަކު އިންތިޒާރު ކުރީ ރޭ އެ ބަދުނަސީބުގެ ސިލްސިލާ ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަންވީ ހީކުރި ގޮތާ ހިލާފަށެވެ.
ލެއިޕްޒިގުން ރަނގަޅަށް ކުޅުނު މެޗުގައި އެޓީމުގެ ތިން ގޯލުވެސް ޖަހައިދިނީ ސްޕެއިން ގައުމީ ޓީމުގެ ފޯވަޑް ޑޭވިޑް އޮލްމޯއެވެ. އޮލްމޯގެ ފުރަތަމަ ގޯލަކީ ބަޔާނަށް ރަނގަޅަށް ފަހަތުން ބޯޅަ ސާފުކޮށް ނުލެވިގެން ދިޔަ ބޯޅައެއްގައި ޖެހި ފަސޭހަ ގޯލެކެވެ. އަދި އޭގެ ފަހުން ދެވަނަކަށް ޖެހި ގޯލަކީ ބަޔާންގެ ޑިފެންޑަރު މަތިއަސް ޑެ ލިޓް ކައިރިން އެނބުރާފައި ނިންމާލި ހިތްގައިމު ބޯޅައެކެވެ.
އޮލްމޯ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.
މިދިޔަ ސީޒަނުގައި ލެއިޕްޒިގުން އެންމެ ފާހަގަކޮށްލެވުނު ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލާއި މިޑްފީލްޑަރު ޑޮމިނިކް ޒޮބޮސްލާއީ އަދި ކްރިސްޓޮފާ އެންކުންކޫ މި ސީޒަނަށް ޕްރިމިއާ ލީގު ކްލަބުތަކަށް ގޮސްފައިވާ ނަމަވެސް، ލެއިޕްޒިގް ފެނުނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ރޭގެ މެޗަކީ އެޓީމަށް ހިތްހަމަ ޖެހިގެން ސީޒަން ފަށަން ލިބުނު ރަނގަޅު ނަތީޖާއެކެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު