''ކޮން ވާހަކައެއްތަ؟... ސޮރީ އިނގޭ، އަހަންނަށް ސަމާލުކަމެއް ނުދެވުނު، ކޮން ވާހަކައަކާ މެދު ވިސްނާލާށޭތަ ތިބުނަނީ؟...'' އަތުގައި އޮތް ފޯނު މޭޒުމަތީގައި ބާއްވަމުން ނާލާ ބުނެލިއެވެ. އަދި ވިވިއަންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.

ނާލާގެ ޖުމްލައިން ވިވިއަންއަށް ދަތްކުނޑިވިކައިލެވުނެވެ. ހިސާބަކަށް ރުޅިވެސް ގަދަވެއްޖެއެވެ. އޭނަގެ ވާހަކަތައް ތަކުރާރުކުރަން ޖެހުމުންނެވެ.

''ދެމަފިރިއެއްގެ ދިރިއުޅުން ފުރިހަމަވާނީ ކުއްޖަކު ލިބުމުން، އެކަމަކު ހުރިހާ އެންމެންނަށް އެނަސީބެއް ނުލިބޭނެ!... ކިތަންމެ އަހަރެއް ވަންދެން ކައިވެނިކޮށްގެން އުޅުނަސް ކުއްޖަކު ނެތިއްޔާ އެކަމުގެ ފަޅުކަމަށް ބަދަލެއް ނާންނާނެތާ، އުނިކަމެއް ހުރިއްޔާ ބޭސްކުރެވިދާނެ، އެކަމަކު ބައެއްފަހަރު ބޭސްކޮށްގެން ވެސް ކާމިޔާބު ނުލިބިދޭ!...'' ނާލާއަށް ލޯއަޅާލަމުން ވިވިއަން ބުނެލިއެވެ. އޭނަގެ އަޑުގައި ވަނީ މަލާމާތެވެ.

ވިވިއަންގެ ޖުމްލައިން ނާލާގެ މޫނަށް ހިމޭންކަން ވެރިވިއެވެ. އެއްޗެއް ބުނަން ނާލާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް އޭނައަށް ޚިޔާރުކުރެވުނީ ހަމަހިމޭންކަމެވެ. ވިވިއަންގެ ވާހަކަތަކަށް ހިތްވަރުލިބޭ ފަދަ ކަމެއްކުރަން ބޭނުން ނުވީތީއެވެ. ނުސީދާކޮށް އޭނައަށް އަމާޒުކުރި މަލާމާތް ނާލާއަށް ނަގައިގަނެވުނެވެ. ހިތަށް ގޮތްތަކެއް ވިޔަސް ބަހާއި އަމަލުން އެކަން ފާޅެއްނުކުރިއެވެ.

''ވެލް އައި ހޭވް ޓު ގޯ، ހޭވް އަ ނައިސް ޑޭއި...'' ނާލާގެ މޫނަށް ވެރިވެފައިވި ހިމޭންކަމުން ވިވިއަންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނާލާ ދެރަކޮށްލެވިއްޖެކަން ޔަޤީންކުރެވުނެވެ. އެހިނދު އޭނައަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. މަކަރުވެރި ހިނިތުންވުމަކާއެކު އެތަނުން ދާން އޭނަ މިސްރާބު ޖެހިއެވެ.

ވިވިއަންއަށް ރައްދުދޭން އުޅުނު ޝައިހާގެ ދުލުގައި ތަޅެއް ލެވުނީ ދެފަރާތަށް ބޯހޫރާލި ނާލާ ފެނުމުންނެވެ. އެއީ ހިމޭނުން ހުރުމަށް ނާލާ ކުރި އިޝާރާތެކެވެ. ބޮޑު ޒުވާބަކަށް ގޮސްފާނެތީއެވެ. ޒުވާބު ހޫނުވެއްޖެނަމަ ބަލިމީހުންނަށް އުނދަގޫވެދާނެއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ވިވިއަން ދިޔަ ދިމާއަށް ބަލަން ޝައިހާ ހުއްޓެވެ. އެއަށްފަހު ނާލާގެ ގާތަށް އައިސް ހުއްޓިލަމުން ނާލާގެ މޫނަށް ބަލައިލިއެވެ. އިސްތިރިކޮށްލައިގެން އިނުމުން އެމޫނަށް އަރާފައިބަމުންދާ ޝުޢޫރުތައް ދެނެގަންނަން އޭނައަށް އުނދަގޫވިއެވެ. އޭނަ ހީކުރީ ވިވިއަންގެ ވިހަގަދަ ޖުމްލަތަކުގެ ބާރު ނާލާގެ ހިތާ ހަމައަށް ފޯރީކަމަށެވެ. އޭނައަށް ނާލާގެ ކޮނޑުގައި އަތްތިލަ ބާއްވާލެވުނެވެ. ހޮސްޕިޓަލުގެ ތެރޭގައި ދެކެވެމުން އަންނަ ތޯތޯވާހަކަތަކުގެ ތެރޭން ނާލާގެ ވާހަކައެއް ވެސް އޭނަގެ ކަންފަތާ ހަމައަށް ވަނީ ފޯރާފައެވެ. އެއީ ވިވިއަން ފަތުރައިގެން އުޅޭ ވާހަކައެކެވެ. އެކަމުގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ހަޤީޤަތެއް ކަމެއް އޭނައަކަށް ނޭނގެއެވެ. ހިތުގައި ސުވާލު އުފެދިފައި ވިޔަސް، އެއީ ނާލާގެ ޒާތީ ދިރިއުޅުމާއި ގުޅިފައިވާ ސުވާލަކަށް ވާތީ، އެސުވާލު ފެންމަތިކުރަން އޭނައަށް ފަސްޖެހެވުނެވެ. އެއީ ތެދަކަށް ވެއްޖެނަމަ ނާލާގެ ހިތަށް އަސަރުކޮށްފާނެތީ ވެސް އޭނަ ޖެހިލުންވެއެވެ. ނާލާގެ މިޒާޖުގެ ސަބަބުން ހިމޭންކަމާއެކު އެފަދަ ތަކުލީފެއް ބަރުދާސްތުކޮށްފާނެތީއެވެ.

''ކީއްވެގެންތަ މާޔޫސްކަމާއެކު އަހަންނަށް ތިބަލަނީ؟...'' އިސްއުފުލައި ޝައިހާގެ މޫނަށް ބަލަމުން ނާލާ ހިނިތުންވެލިއެވެ. ވިވިއަން ދެއްކި ވާހަކައަކަށް ވުރެން އޭނަގެ ސިކުނޑި ހާސްވެފައިވަނީ ރުހައިމްގެ ފަރާތުން ޖަވާބެއް ނުލިބޭތީއެވެ. އަނެއްކާ އޮފީހުގައި ރުހައިމް ބިޒީވީބާވައޭ ވެސް އޭނަގެ ހިތަށް އެރިއެވެ. އެޚިޔާލުތަކުން ސިކުނޑިއަށް ހާސްކަން ވެރިވެފައި ވިއެވެ. ރުހައިމްއަށް މިއަދު ވެސް ނުދެވިއްޖެނަމަ މަންމަ ހިތްހަމަނުޖެހޭނެވަރު އޭނައަށް އަންދާޒާކޮށްލެވޭތީއެވެ. އެކަމަށް ސިކުނޑި ހުސްވެފައިވުމުން އިތުރު އެއްވެސްކަމަކަށް އޭނައަށް ސަމާލުކަމެއް ނުދެވުނެވެ.

''އޭނަ ދެއްކި ވާހަކައަށް ސަމާލުކަން ނުދެއްޗޭ، ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނާލާ ދެރަކޮށްލަން އޭނަ އުޅެނީ، އެއީ ދެން މީހުން އުޅޭ ގޮތެއްތަ؟، މީ ނަވާރަސަތޭކައެއް ނޫނެއްނު އެފާޑަށް މީހުންނާ ޖައްސާލައިގެން އުޅެން، ހަސަދަވެރިވިޔަސް އެއީ ބޮޑުވަރު!، ހާދަ ފޫއްސެއްވާ އަންހެނެކޭ، އަހަންނަށް ފެނޭ އޭނަ ސައިކޭޓްރިސްޓަކަށް ދައްކަން، ހަމަޖެހޭ މީހެއްގެ ވިސްނުން ހުންނަ ގޮތަކަށް ނޫން އޭނަގެ ވިސްނުން ހުންނަނީ، ޝީ އިސް ޓޮކްސިކް، އެކަހަލަ މީހުންނާ ދުރުން އުޅުނިއްޔާ ތިމާގެ އަމިއްލަ ނަފުސާނީ ދުޅަހެޔޮކަމަށް ރަނގަޅު ވާނީ...'' ވިވިއަންގެ ވާހަކަތަކުން ނާލާގެ ހިތަށް އަސަރުކޮށްފާނެތީ، ނާލާއަށް ހިތްވަރުދެމުން ޝައިހާ ހިނިތުންވެލިއެވެ. ނާލާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމާއި މޮޅިވެރިކަމުން އޭނަ ހުރީ ފިކުރުބޮޑުވެފައެވެ. އޭގެ މާނައާ ގުޅުވާލެވުނީ ވިވިއަންގެ ވާހަކަތަކާއެވެ.

''ތިކަހަލަ އެކުވެރިޔަކު ކޮންމެ މީހަކަށް ލިބެންޏާ ހާދަ ރަނގަޅޭ، ވިވިއަންގެ ވާހަތަކުން އަހަރެން ދެރައެއް ނުވޭ... އެއަށްވުރެން ވިވިއަންގެ އެހުންނަ މެންޓޭލިޓީއެއްގެ ސަބަބުން އޭނައާ މެދު ވިސްނި ދެރަވަނީ... އަހަންނަށް އެނގޭ އަހަންނޭ ކިޔައިގެން ހޮސްޕިޓަލުގެ ތެރޭގައި ދެކެވޭ ވާހަކަތަކީ ވެސް ވިވިއަން ފަތުރާ ވާހަކަތަކެއްކަން، އެކަމާ ދެކޮޅަށް އެއްޗެކޭ ބުނެފިއްޔާ އޭނައަށް އިތުރު ހިތްވަރެއް ދެވޭނީ، އެހެންވެ އޭނައާއި ޒުވާބު ނުކުރަން ޝާ ގާތު އަހަރެން ބުނަނީ، ވިވިއަންގެ ހުންނަނީ ވަރަށް އެހެން ކަހަލަ ވިސްނުމެއް، އެތައް އަހަރެއް ވީއިރުގައި ވެސް އަހަންނަކަށް ވިވިއަން ދަހެއްނުވި، ދެން އިތުރަށް ދަސްކުރާކަށް ވެސް ބޭނުމެއް ނޫން...'' ކޮނޑުގައި އޮތް ޝައިހާގެ އަތްތިލައިގައި ވިވިއަން މަޑުމަޑުން ޖަހާލިއެވެ.

''ދެން ކީއްވެގެންތަ ގްލޫމީ ވެފަ ތި އިންނަނީ؟...'' ޝައިހާ ސުވާލުކޮށްލިއެވެ.

''ގްލޫމީ؟...... ރުހައިމްގެ ޚަބަރެއް ނުވެގެން މިއުޅެނީ، މަންމަ އެބައޮތް މެންދުރު ކެއުމަށް ދައުވަތު ދީފައި، ގަޑި ވެސް ކައިރިއެބަވޭ......'' ނުތަނަވަސްކަމާ ގުޅިގައިވާ ސަބަބު ނާލާ އޮޅުންފިލުވައި ދިނެވެ.

''ސާބަސް!، އަހަރެން ހީކުރީ އެ ވިޗްގެ ސަބަބުންކަމަށް...'' ޝައިހާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ނާލާއާ ޖެހިގެން ހުރި ގޮނޑީގައި އޭނަ އިށީނެވެ. ''މިއަދު ފެމިލީ ގެދަރިންގްއެއް އޮތީތަ؟، އާންމުކޮށް ހުކުރު ދުވަހުގައެއްނު ނަދީމާދައްތަ ގާތަށް ނާލާ ދަނީ؟...''

''ނޭނގޭ... މަންމަ ކުއްލިއަކަށް ގުޅާފަ ބުނީ ކޮންމެހެން ވެސް ރުހައިމް ގޮވައިގެން މިއަދު އަންނާށޭ، ސުވާލު ކުރީމަ ޖަވާބެއް ވެސް ނުދިން، ރުހައިމް ބުނި މިއަދު އެއްވެސް މީޓިންގްއެއް ނެތް ވާހަކަ، ދެން ކީއްވެތަ ޚަބަރެއް ނުވެގެން އުޅެނީ؟، މެސެޖްވެސް ކޮށްފިން...'' ނާލާއަށް ޝަހާދަތް އިނގިލީގެ ނިތަފަތީގައި ދަތްއަޅާލެވުނެވެ. ނުތަނަވަސްކަން އޭނަގެ މޫނުގައި ވިއެވެ.

''ދެން ތިހެން ނީނދެ ގުޅާބަލަ...'' ޝައިހާ ބުނެލިއެވެ. ނާލާގެ މަންމައަކީ ކިހާ ޒީލަގަދަ އަންހެނެއްކަން އޭނައަށް ވަނީ ތަޖުރިބާކުރެވިފައެވެ. ނާލާގެ މޫނުމަތިން ހާސްކަން ފެންނަމުންދާ ސަބަބުވެސް އޭނައަށް ހޯދައިގަނެވުނެވެ.

ރުހައިމްއަށް ގުޅަން ނާލާ އުޅުނު ވަގުތު އޭނަގެ ފޯނަށް ކޯލެއް އައެވެ. ގުޅަނީ ރުހައިމްއެވެ. އަވަސްއަވަހަށް އޭނައަށް ގޮނޑިން ތެދުވެވުނެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''ރުހައިމްތަ؟...'' ނާލާއަށް އައި ބަދަލުތަކުން ޝައިހާއަށް ސުވާލުކޮށްލެވުނެވެ. ޝައިހާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލުމަށްފަހު ނާލާ ހިނގައިގަތީ ސަރައްކާލިން ހިންގާފައި ގޮސް ނިކުމެވޭ ގޮތަށް ހުރި ކުޑަ ބެލްކަނިއަށެވެ. އޭރު ވެސް އުޑުމަތި ފެންނަމުން ދަނީ އަނދިރިކޮށެވެ. ޖެހިލި ވައިރޯޅީގައި އެކުލެވިގެންވި ތެތްފިނިކަމުގެ ސަބަބުން ނާލާގެ ހަށިގަނޑުގެ ލޯޅިތައް ކޮޅަށް ޖެހުނެވެ. ހީކަރުވައިގަތެވެ.

ފޯނު ނަގައި ކަންފަތުގައި ނާލަ ޖައްސާލިއެވެ.

''ހޭއި ލަވް!، ވަރަށް ބޮޑަށް ސޮރީ، ކުއްލިޔަކަށް ސެމިނާގެ ތާރިހު އަވަސްވެގެން އުޅޭތީ މީޓިންގްއަކަށް ދާން ޖެހިގެން މިއުޅެނީ...'' މުވައްޒަފުންނަށް އިރުޝާދުދެމުން ނާލާއާއި ރުހައިމް ވާހަކަދެއްކިއެވެ. އެޖުމްލައިން ނާލާގެ މޫނުން ފެންނަމުން ދިޔަ އުއްމީދުގެ ކުލަވަރު އޮއްސުނެވެ. އޭނައަށް ތުންފަތުގައި ދަތް އަޅާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''ސޮރީ!، ނާލާ ބަލާ ދާންވެގެން އުޅެނިކޮށް ސެމިނާ އަވަސްވިކަމުގެ މަޢުލޫމާތު ލިބުނީ... އަވަހަށް މީޓިންގް ނިމޭނެކަމެއްވެސް ނޭނގޭ، ހުކުރު ދުވަހު ދިއުން ކިހިނެއް ވާނެތަ؟، އައިމް ރިއަލީ ސޮރީ ލަވް، މީޓިންގް ފަސްކޮށްލެވޭތޯ ވެސް އުޅުނިން، އެކަމަކު ބޮޑެތި މީހުން ވެސް މީޓިންގަ ބައިވެރިވާނެތީ ފަހެއް ނުކުރެވުނު...'' ރުހައިމްގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެންވިއެވެ. ނާލާއަށް އެކަން ފާހަގަވިއެވެ.

''މިއަދު އަހަރެން އެކަނި ގޮސްފާނަން، މަންމަ ގާތު އަހަރެން ބުނާނަން މީޓިންގްގެ ވާހަކަ، ރުހައިމް ދެން އެކަމާ އެހާ ވަރަށް ނުވިސްނާ، އަހަރެން މަންމައާ ވާހަކަ ދައްކާނަން، އެހެންނޫނަސް ހުކުރުދުވަހު އެކުގައި މަންމައާ ބައްދަލުކުރަން ވެސް ދެވިދާނެއެއްނު، މަންމަ ދައްކަން އުޅޭ ވާހަކައެއް އަހަރެން އޮޅުންފިލުވަފާނަން، ރުހައިމް މީޓިންގްއަށް ސަމާލުކަން ދީ، ބިޒީ ގަޑިއެއްނުދޯ، އަހަރެން ފަހުން ގުޅާނަން، މިވަގުތު މަސައްކަތަށް ސަމާލުކަންދީ...'' ނާލާ ބުންޏެވެ. ފޯނުކޯލު ކުރުކޮށްލަމުން ނާލާއަށް ހަށިފުރާ ނޭވައެއް ދޫކޮށްލެވުނެވެ. މަންމައާ ކުރިމަތިލާނެ ގޮތަކާ މެދު އޭނައަށް ވިސްނައިލެވުނެވެ. އެންމެފަހުން ވެސް ރުހައިމްއަށް ނާދެވުމުން މަންމަ ހިތްހަމަނުޖެހިފައި ހުރިވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ. މިއަދުވެސް ރުހައިމް ދެކެ މަންމަ ރުޅިއައިސްފާނެތީ އޭނަ ހާސްވިއެވެ. މަންމަގެ މިޒާޖު ހުންނަ ގޮތުގެ ސަބަބުން ބޭނުންވާ ގޮތަކަށް ކަމެއް ފުރިހަމަ ނުވެއްޖެނަމަ ރުޅި އިސްކުރުމަކީ އާދައެކެވެ. އެކަމަށް އޭނަ ހޭނިފައި ވިޔަސް ރުހައިމްއަށް މަންމަގެ ރުޅިވެރިކަން އަމާޒުވާކަށް އޭނަ ބޭނުމެއް ނުވެއެވެ. ބެލްކަނީގެ ރެއިލިންގައި ހިފާލަމުން ހާމައަށް އޮތް އުޑަށް ނާލާ ނަޒަރު ހިންގާލިއެވެ. އަދި ރޯޅިތަކުގެ ސަބަބުން ހަލަބޮލިވެފައި އޮތް މޫދަށް ވެސް ބަލައިލިއެވެ. އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި އޭނަ އެތެރެއަށް ވަނެވެ.

*****

''ވައިފްތަ؟...'' ކަންފަތާ ވަކިކޮށްލެވުނު ފޯނަށް ބަލަން ހުރި ރުހައިމަށް ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައި ހުރި ޔަޝްފީ އެހިއެވެ. އޭރު ރުހައިމް އަދި ޔަޝްފީގެ އިތުރުން ދެމުވައްޒަފަކު ތިބީ މީޓިންގް ރޫމްގައެވެ. ބާރަގަޑި ބަޔަށް ހަމަޖެހުނު މީޓިންގްއަށް ތައްޔާރުވާށެވެ. ރުހައިމްގެ މޫނުން ފެނުނު ކުލަވަރުތައް ދިރާސާކުރަމުން ރުހައިމްއާ ގާތަށް ޔަޝްފީ ޖެހިލިއެވެ. ޔަޝްފީގެ އެހަރަކާތުން ރުހައިމްއަށް ހައިރާންކަން ލިބުނެވެ. އޭނައަށް ދުރަށް ޖެހިލެވުނީ އިހްތިޔާރަކާނުލާއެވެ.

''ސޮރީ...'' ރުހައިމް އޭނައާ ދުރަށް ޖެހިލުމުން ޔަޝްފީއަށް ތުންފިއްތާލެވުނެވެ. ދެވަނަ ސިކުންތުގައި މޫނުގެ ކުލަވަރު ބަދަލުކޮށްލަމުން މަޢާފަށް އެދުނެވެ. ރުހައިމްއަށް ޔަޝްފީގެ އަމަލުތަކުގެ ފަހަތުގައި ފޮރުވިފައި އޮތް މަޤުސަދު ފާހަގައެއް ނުކުރެވުނެވެ. ބޮޑުކަމެއް ކަމުގައި ނުފެނުނީ އެހެންވެއެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން އޭނަ ޔަޝްފީއަށް ހިނިތުންވެލިއެވެ.

''ވައިފްއާއެކު ތަނަކަށް ދާން އޮތީތަ؟، އިފް ޔޫ ވޯންޓް އައި ކޭން ހޭންޑްލް ދި މީޓިންގް......'' ހިތްހެޔޮ މީހެއްކަމުގެ ތަމްސީލުކުޅެމުން ޔަޝްފީ ބުނެލިއެވެ. ބޭނުމަކަށްވީ ރުހައިމްއަށް ފެންނަމުންދާ އޭނަގެ ތަސްވީރު އިތުރަށް ފުރިހަމަ ކުރުމެވެ. ރީތި ކުރުމެވެ.

''އޭރުން ކަމަކު ނުދާނެ، ބޮޑެތި މީހުން ވެސް މީޓިންގަ ބައިވެރިވާނެ...'' ރުހައިމް މަނާވެގަތެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު އޭނަ އަވަސްވެގަތީ މީޓިންގް ރޫމުން ބޭރަށް ނިކުންނާށެވެ. ރުހައިމްއަށް ސަމާލުކަން ދީގެން ހުރި ޔަޝްފީ އަވަސްއަވަހަށް ގޮސް ރުހައިމް ނިކުންނަން ދޮރު ހުޅުވާލަ ދިނެވެ. އަދި ރުހައިމްއަށް ހިނިތުންވެލިއެވެ. ފޯނުން ވާހަކަދައްކަމުން ދިޔަ ރުހައިމް ޔަޝްފީއަށް ބަލައިލަމުން މީޓިންގްރޫމުން ނިކުތެވެ.

''ނަސީބެއް ކަން ނޭނގޭ ލަންޗް ބްރޭކަށް މީޓިންގް ބާއްވަން ޖެހުނުކަން...'' ރުހައިމްއަށް ނާލާގެ ގާތަށް ނުދެވުމުން އެކަމާ އޭނަ ހުރީ ނުހަނު އުފާވެފައެވެ. ރުހައިމް ދިޔަ ދިމާއަށް އާވާރާއެއް ފަދައިން ބަލަން ހުރެފައި އޭނަ އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ.

*****

ވެހެމުން ދިޔަ ވާރޭގެ ސަބަބުން ޓެކްސީއެއް ހޯދުން ނާލާއަށް ވީ އުނދަގޫ ކަމަކަށެވެ. އޭރު ލަސްވެގެން މަންމަގެ ފޯނު ކޯލްތައް ފުލުފުލުގައި އާދެއެވެ. އަތްދަބަސް ތެރޭގައި ފޯނު އޮތުމުން ނާލާއަށް އެކަމުގެ ހިލަމެއް ނުވިއެވެ. އޭނަގެ ސަމާލުކަން މުޅިންހެން ދެވިފައިވަނީ ހިމަފޮދުވާރޭގެ ތެރޭން މަގުން ދުއްވަމުން ދިޔަ ޓެކްސީއެއްގެ ނަސީބު ލިބޭތޯއެވެ. ދިހަ ވަރަކަށް މިނެޓް ވަންދެން ކުރަމުން ދިޔަ މަސައްކަތުން ޓެކްސީއެއް ލިބޭވަރު ވިއެވެ.

''ގ.ނައިޓިންގޭލް'' ޓެކްސީއަށް އަރަމުން ދާންވީ އެޑްރެސް ޑްރައިވަރު ގާތު ބުނެލިއެވެ. ތުނިކޮށް ވަހެމުން ދިޔަ ވާރޭން ހިސާބަކަށް ތެމިފައި ހުރި ނާލާ އޭނަގެ އަތްދަބަސްތެރޭން ޓިޝޫ ޕެކެޓެއް ނެގިއެވެ. އަދި މޫނުގައި ހަރުލާފައި ހުރި ފެންތިކިތައް ފޮހެލިއެވެ.

ފޯނު ނަގައި ބަލައިލިއިރު އައިސްފައި އޮތް މިސްކޯލްތަކުގެ އަދަދުން ނާލާއަށް ހައިރާންކަމާއި ނުތަނަވަސްކަން ލިބުނެވެ. އަވަސްއަވަހަށް އޭނަ މަންމައަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު މަންމަ ފޯނު ނަގައިފިއެވެ.

''ހާދަ ވަރަކަށް ގުޅައިފީމޭ، އަދި ކިރިޔާތަ ފޯނު ނަގަން އެނގުނީ؟، މިހާރު ލަސްވެގެން މަންމަމެން ކެއުންވެސް ފަށައިފިން، ބުނާ ގަޑިއަށް ނާދެވެނީ ކީއްވެތަ؟...'' މަންމަގެ އަޑުގައިވި ނުރުހުންތެރިކަން ނާލާއަށް ފާހަގަ ވިއެވެ. އޭނައަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ގެއަށް ދެވުމުން މަންމަ ރުޅިއަންނާނެ ވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ. ރުހައިމްއަށް ނާދެވޭނެ ވާހަކަ ފޯނުން ބުނުން އެއީ ބުއްދިވެރި ޚިޔާލެއްކަމުގައި ނުފެނުނީތީ ނާލާ ޚިޔާރުކުރީ ހިމޭންކަމެވެ. ނިކުންނާނެ ނަތީޖާ އެނގޭ ހާލުގައި ވެސް މެއެވެ.

''ސޮރީ މަންމާ، ޓްރެފިކްގެ ސަބަބުން ލަސްވަނީ...'' ނާލާ މަޢާފަށް އެދުނެވެ.

ނާލާއަށް އިތުރު އެއްޗެއް ނުބުނެވެނީސް މަންމަ ފޯނު ކަނޑައިފިއެވެ. އެއާއެކު ނާލާއަށް ފޯނު ތިރިކޮށްލެވުނެވެ. އަދި ވިއްސާރައިގެ ސަބަބުން ހަލަބޮލިވެފައި އޮތް މަގުތަކަށް ނަޒަރު ހުއްޓާލަމުން އިސްތަށިގަނޑުގައި އަތްފުނާއަޅާލެވުނެވެ.

*****

ޓެކްސީ ގޮސް މަޑުކޮށްލީ ދިހަ ބުރީގެ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ދަތުރުގެ ފައިސާ ވޮލެޓުން ނަގައި ޑްރައިވަރަށް ދިއްކޮށްލަމުން ނާލާ ޝުކުރު އަދާކޮށްލިއެވެ. އެއަށްފަހު ކާރުގެ ދޮރު ހުޅުވާލަމުން، ފެންހެދިފައި އޮތް މަގުގައި އޭނަގެ އުސްކަށީގެ ފައިވާން ޖައްސާލިއެވެ. އަވަސްއަވަހަށް ކާރުން ނިކުތުމަށްފަހު، ކާރުގެ ދޮރު ލައްޕާލަމުން ކުރިމަތިން ފެންނަމުން ދިޔަ އުސް އިމާރާތުގެ ތެރެއަށް ވަންނަން ދުއްވައިގަތެވެ.

ދިހަ ބުރިއަށް ނަގާފައިވާ ''ގ.ނައިޓިންގޭލް'' އަކީ ނާލާގެ މަންމަ ނަދީމާގެ މައިންބަފައިން ނިޔާވުމަށްފަހު، ބައްޕަގެ ބިމުން އޭނައަށް ލިބުނު ތަންކޮޅުގައި އަޅާފައިވާ ބޮޑު އިމާރާތެކެވެ. އެއިމާރާތުގެ އެންމެ މަތީ ފަންގިލިލާ ފިޔަވާ ދެން ހުރި ހުރިހާ ފަންގިފިލާއެއް ހުންނަނީ ކުއްޔަށް ދީފައެވެ. އެންމެ ތިރީގައި ހުންނަނީ ސުޕަމާކެޓެކެވެ. ފައިސާ ލިބޭނެ އެތައް ދޮރެއް ނަދީމާއަށް އޮތްނަނީ ހުޅުވިފައެވެ. އެކަމުގެ ސަބަބުން ބޮޑާކަމާއި ކިބުރުވެރިކަން ނަދީމާގެ ކަށީގައިވަނީ ހަރުލާފައެވެ. އޭނަގެ ނަޒަރުގައި އޭނަ ނިސްބަތް ވަނީ ''ހައި ކްލާސް ސޮސައިޓީ'' އަކަށެވެ. ނަދީމާގެ ފިރިމީހާ ބިލާލްއަކީ ވެސް ސަރުކާރުގެ އިސް މަގާމެއްގައި އުޅުމަށްފަހު ދާދި ފަހުން މަސައްކަތާ ދުރުވި، ރައްޔިތުންގެ ލޯތްބާއި ޤަދަރާއި އިއްޒަތް ލިބިފައިވާ މީހެކެވެ. ނަދީމާއާ ޚިޔާލަފަށް ބިލާލް އަކީ ދަރިންގެ މައްޗަށް އަމުރުފޯރުވާ މީހެއް ނޫނެވެ. ނުފޫޒު ހިންގާ މީހެއް ވެސް ނޫނެވެ. ދަރިންގެ ހުރިހާ ކަމެއްގައި ވެސް އެއްބާރުލުން ދެއެވެ. ހިތްވަރުދެއެވެ. އެކަމާ ބިލާލްގެ ދަމަފިރިންގެ ދެމެދުގައި އެތައް ފަހަރަކު ޚިޔާލު ތަފާތުވުން އުފެދެއެވެ. އެހެނަސް ދަރިންގެ ކުރިމަތީގައި އެކަން ފާޅެއް ނުކުރެއެވެ.

ލިފްޓަށް އަރަމުން ޕެންޓްހައުސްގެ ބަޓަނަށް ނާލާ ފިތާލިއެވެ. ލިފްޓް މައްޗަށް އަރަން ފެށުމާއެކު މަންމައާ ކުރިމަތިލާނެ ގޮތަކާ މެދު ފިކުރު ހިންގާލެވުނެވެ. މަންމަގެ ރުޅިވެރިކަން އަމާޒުނުވުން އެއީ މުސްތަހީލުކަމެކެވެ. ރުހައިމް ދެކެ މަންމަ ހިތްހަމަނުޖެހޭކަން އެއީ ނާލާއަށް އޮޅިފައި ނެތް ހަޤީޤަތެކެވެ. އޭނައާއި ރުހައިމްގެ ކައިވެންޏަށް މަންމަ ރުހުން ދިނީ ވެސް ބައްޕަގެ ނުފޫޒުގެ ސަބަބުންނެވެ. ބައްޕަގެ ނިންމުމާ ދެކޮޅު ހަދަން ފަސްޖެހެވުމުންނެވެ. އޭނައާ ޚިލާފަށް ރުހައިމް މެދުފަންތީގެ ޢާއިލާއަކުން އައިސްފައިވުމުން އެކަން ޤަބޫލުކުރުން މަންމައަށް ދަތިކަމަކަށް ވީއެވެ. މަންމަގެ ފުރިހަމަ ދިރިއުޅުމުގައި ލައްގަނޑެއް ޖެހުނީތީއެވެ. ނަމަވެސް އޭނަ އުއްމީދުކޮށްގެން ހުންނަނީ ވަގުތާއެކު މަންމަގެ ހިތް ރުހައިމްގެ މައްޗަށް ސާފުވެދާނެ ކަމަށެވެ. ކުރިއެރުމެއް ނުލިބި އަހަރުތަކެއް ފާއިތުވެގެން ދިޔަ ކަމުގައި ވިޔަސް އެއުއްމީދުގެ މަތީގައި ދެމިހުންނަން ނާލާ ބޭނުންވެއެވެ.

*****

ބެލް ޖަހާލުމާއެކު ދޮރު ހުޅުވާލީ މެދުއުމުރުގެ އިންޑިއާ އަންހެނެކެވެ. އެމީހާއަށް ނާލާ ފެންނައިރަށް ފުޅާ ހިނިތުންވުންވުމެއް ދިނެވެ. އަދި ކުރިއަށްވުރެން ބޮޑަށް ދޮރު ހުޅުވާލީ ނާލާއަށް އެތެރެއަށް ވަދެވޭނެހެންނެވެ.

''ޝަކުންތަލާ...'' އެއަންހެންމީހާއަށް ނާލާ ހިނިތުންވެލިއެވެ. ''މަންމަ ކޮބާތަ؟...''

''ބަދިގޭގަ، ވެއިޓިންގް... މެޑަމް ބޮހޮތް ރުޅި...'' ޝަކުންތަލާ ކޮށި ދިވެހި، އިނގިރޭސި އަދި ހިންދީބަސް މަސްހުނިކުރަމުން އިޝާރާތްކޮށްލީ ބަދިގެއާ ދިމާއަށެވެ. ނާލާ ބޯޖަހާލިއެވެ. އަރައިގެން ހުރި އުސްކަށީގެ ފައިފާން، ފައިވާން ހަރުގަނޑު ކައިރީގައި ބަހައްޓަމުން އޭނަ އެތެރެއަށް ވަނެވެ. ތަނަވަސް ބޮޑުކޮޓަރި ހުރަސްކޮށް ނާލާ މިސްރާބު ޖެހީ ކާކޮޓަރިއާއި ދިމާއަށެވެ. ނަޒަރު އުކާލާ ކޮންމެ ދިމާއަކުންވެސް މުއްސަނދިކަމާއި ޒަމާނީ ކުލަތައް ފެނެއެވެ. އެންމެ އަޅައިގަންނަނީ ޕެންޓްހައުސްގެ ބެލްކަނިއެވެ. ބެލްކަނީގައި ތަފާތު އެކިކުލަކުލައިގެ މާގަހާއި ބަގީޗާ ގަސްތަކުގެ ޕޮޓުތަކާއި އުނދޯއްޔެއް ހުއްޓެވެ. އުނދޯލީގެ މައްޗަށް ވާހެން އަރުވާފައި އޮތީ ޗަންޕާޕޫލުމާގަހެކެވެ. ބެލްކަނިއަށް ނިކުމެވެން ހުރި ބިއްލޫރިދޮރު ހުޅުވާފައި ހުރުމުން ބޮޑުކޮޓަރިއަށް ވަންނަ ވައިރޯޅިތަކުގައި އެކުލެވިގެންވަނީ މަލުގެ ލުއިލުއި މީރުވަހެވެ.

''އެއައީ އެއްނު...'' ކާމޭޒުދޮށުގައި އިން ބިލާލްއަށް ނާލާ ފެންނައިރަށް ހިނިތުންވެލިއެވެ. ބިލާލްއާ ޚިލާފަށް ނަދީމާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. ރުހައިމް ނުފެނުމުން ވަކިންބޮޑަށް އޭނަގެ މޫނުމަތި ބަނަވެއްޖެއެވެ.

''ރުހައިމް ކޮބާތަ؟...'' ކާމޭޒު ކައިރިއަށް ހުއްޓިލަމުން ގޮނޑިއެއްގައި އިށީންނަން އުޅުނު ނާލާ ހުއްޓުން އެރީ މަންމަގެ ސުވާލުންނެވެ. އެސުވާލު ފެންމަތިވާނެކަން އޭނައަށް ކުރިން ވެސް ލަފާކޮށްލެވުނެވެ.

''މީޓިންގްއަކަށް ދާންޖެހިގެން ނާދެވުނު...'' ގޮނޑީގައި އިށީންނަމުން ނާލާ ބުނެލިއެވެ. މަންމައަށް އޭނަ ނަޒަރު ހުއްޓާލި ވަގުތު އެމޫނު ބަދަވެގެން ދިޔަ މަންޒަރު ފެނި ނޭވާ ހިފަހައްޓާލެވުނެވެ.

ނަދީމާއަށް އައި ބަދަލުތައް ފާހަގަކުރެވުމާއެކު މޭޒުމަތީ އޮތް ނަދީމާގެ އަތުގައި ބިލާލް ހިފާލިއެވެ. އެއާއެކު ދުލުކުރިއަށް އައި ލަފުޒުތައް ދިރުވާލަން ނަދީމާއަށް މަޖުބޫރުވެއްޖެއެވެ.

''ރުހައިމް ވަރަށް ފަހުންތާ މެނޭޖަރުގެ މަޤާމަށް ޕްރޮމޯޓްވީ، އެހެންވީމަ ބިޒީ ވާނެތާ...'' ބިލާލް ބުންޏެވެ. ''ދަރިފުޅު އަވަހަށް ކާން ފަށާ...''

ކާމޭޒުމަތީ ހުރި ތަކެއްޗަށް ނާލާ ނަޒަރު ހިންގާލިއެވެ. ބިރިޔާނީގެ އިތުރުން ފިހުނު ކުކުޅާއި ތިން ވައްތަރެއްގެ ސެލެޑްގެ އިތުރުން ފޮނި އެއްޗެހި ވެސް ހުއްޓެވެ. ކުޅުދިޔާވާ ފަދަ މީރުވަހެއް ކާކޮޓަރިއަށް ފެތުރިފައި އޮތެވެ. ކުރިމަތީ ބަންޑުން އޮތް ތަށި ނަގައި އަނގަމަތިކޮށްލަމުން، ބިރިޔާނީން އެތިކޮޅެއް ތަށްޓައް އެޅިއެވެ. މަންމަގެ ނަޒަރު އޭނައަށް ހުއްޓިފައިވާކަން އިހުސާސް ކުރެވި މަންމަގެ މޫނަށް ނާލާ ބަލައިލިއެވެ. އޭރު ހަށަންބަނދެގެން މަންމަ އިނީ އޭނައަށް ބަލަންށެވެ.

''ކޮންވާހަކައެއްތަ މަންމަ ދައްކަން ބޭނުންވީ؟...'' ނާލާ ސުވާލުކުރިއެވެ. ބަނޑުހައިހޫނުކަން އިހުސާސް ކުރެވުނަސް މަންމަ ރުޅިއައިސްފައި ހުރިކަން އެނގުމުން ނާލާ އިނީ ކާހިތް ނުވެފައެވެ. ހަމައެއާއެކު މަންމަ ދައްކަން އުޅޭ ވާހަކައެއް ވެސް އޮޅުން ފިލުވަން ބޭނުން ވެފައެވެ.

''ލުޔޫންގެ ޚަބަރެއް ވިތަ؟...'' އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ނަދީމާ ސުވާލުކޮށްލިއެވެ. ސީދާ އޭނަގެ މައުޟޫޢުއަށް ދިއުމުގެ ބަދަލުގައި އޭނަ ފެށީ ދުރުދުރުންނެވެ.

ލުޔޫންއަކީ ނާލާގެ ކޮއްކޮއެވެ. ވަކީލުކަން ކިޔަވަން މިހާރު ވީ މެލޭޝިޔާގައެވެ. ބިލާލްގެ ދައްތަ މެލޭޝިޔާގައި ރަށްވެހިގެން އުޅޭތީ ލުޔޫން ހުންނަނީ އެމީހުންގެ ގާތުގައެވެ.

''ކުރީ ދުވަހު ގުޅި، ކިޔެވުން ރަނގަޅަށް ދާ ވާހަކަވެސް ބުނި...'' ނާލާ ޖަވާބު ދިނެވެ.

''މަންމާ ކަމަކާ މެދު ހިތްހަމަނުޖެހިފަތަ ތިހުރީ؟...'' މަންމައަށް އައިސްފައިވި ބަދަލުތައް ފެނި ނާލާއަށް ސުވާލުނުކޮށް ނީނދެވުނެވެ. އެކަމާ އޭނައާއި ރުހައިމާ ގުޅިފައި ވެދާނެތީ އެވެ.

''ހިތްހަމަނުޖެހޭނެދޯ އަހަރެންގެ ކަންފަތަށް އިވޭ ވާހަކަތަކުން!...'' ނަދީމާ ރުންކުރުވިއެވެ. ''ނާލާގެ ދެމަފިރިންނޭ ކިޔައިގެން އަހަރެންގެ ކަންފަތަށް ތަފާތު ވާހަކަތައް އެބަ ފޯރާ، އަހަރެންގެ އެކުވެރިންގެ ދެމެދުގައި ވެސް ދެކެވެނީ އެވާހަކަތައް، ރުހައިމް ގޮވައިގެން އަންނާށޭ ބުނީވެސް އެހެންވެ...''

(ނުނިމޭ)