އާބާދީ ބޮޑެތި ރަށްރަށް ދޫކޮށް އެއަށްވުރެ ކުދި ރަށްރަށް ތަރައްގީކުރުމަކީ، ތަރުތީބުގައި އޮޅުން އަރާ ކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުއިއްޒު ރާއްޖޭގެ އުތުރަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގައި ހދ. ނޮޅިވަރަމަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ތަރައްގީ ގެންނަން ޖެހޭ ކަމަށާއި އެންމެންނަށްވެސް ސަރުކާރުން ހިދުމަތް ދޭން ޖެހޭ ކަމަށެވެ.

"އެންމެންނަށްވެސް ސަރުކާރުން ހިދުމަތްދޭން ޖެހޭ. އެހެންނަމަވެސް އާބާދީ ބޮޑު ރަށްރަށް ދޫކޮށްލާފައި އެއަށްވުރެ ކުދި ރަށްރަށުގައި އެކަން ވުމުގައި އެބަ ތަރުތީބު އޮޅުމެއް އަރާ،" މުއިއްޒު ވިދާޅުވިއެވެ.

ހދ. ނޮޅިވަރަމަށް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެ ރަށުގެ ބަނދަރު ބޮޑުކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅައިދޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 108 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބަނދަރުގެ ހާލަތަށް ރިއާޔަތްކޮށް އަބަދުވެސް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށެވެ.

"އާބާދީ ބޮޑުވެ ނޫނިއްޔާމު އަންނަ ކުރިއެރުންތަކާއެކު، ރައްޔިތުންނަށް އަންނަ ކުރިއެރުމާއި ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އަދި މޫސުމަށް އަންނަ ބަދަލުތަކާ މި ހުރިހާ ކަންކަމާހުރެ ބަނދަރުތައް ބޮޑުކުރަން ޖެހި އެެއީ ތޮބީއީ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދޭނީ ޒުވާނުންނަށް ކަމަށާއި އަދި އެއީ ޔާމީންވެސް އެދިލައްވާ ގޮތް ކަމަށެވެ.