ރާނީ މުކަރްޖީގެ ފިލްމު މިސިސް ޗަތަރްވޭދީ ވާސަސް ނޯވޭ ވެގެންގޮސްފައި ވަނީ އޭނާ މިހާތަނަށް ކުޅުނު ވަރަށް ތަފާތު އަދި އިމޯޝަނަލް ފިލްމަކަށެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ އެފިލްމަކީ އިންޑިއާގެ އަންހެނަކު އޭނާގެ ދަރިން ހޯދުމަށް ނޯވޭގެ ސަރުކާރާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ވާހަކައެވެ.
މެލްބަންގައި މިހާރު ކުރިއަށްދާ އިންޑިއަން ފިލްމު ފެސްޓިވަލުގައި މި ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ލީޑް ތަރި ރާނީ ވަނީ އޭނާގެ ދިރިއުޅުމުގެ މުހިންމު ކަމެއްވެސް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ 2020 ވަނަ އަހަރު ކޮވިޑް ލޮކްޑައުން ތެރޭގައި ދެވަނަ ދަރިއަކަށް އޭނާ ބަނޑުބޮޑުވިކަމަށެވެ. އަދި ބަނޑަށް ފަސް މަހުގައި ދަރިފުޅު ބައިގެންދިޔަކަމަށް ވެސް ބުންޏެވެ. ފިލްމު މިސިސް ޗަތަރްވޭދީ ވާސަސް ނޯވޭ ކުޅުމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ނިކިލް އަދްވާނީ އޭނާއަށް ގުޅީ އެ ހާދިސާ ހިނގިތާ 10 ދުވަސް ފަހުން ކަމަށެވެ. އެކަމަކު ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރަށްވެސް އޭނާ ބަނޑުބޮޑުވިކަމެއް އަދި އެހާދިސާ ހިނގި ކަމެއްވެސް ނޭނގޭނެ ކަމަށް ރާނީ ބުންޏެވެ.
ރާނީ ބުނީ އެދުވަސްވަރު އެވާހަކަތައް ހިއްސާ ނުކުރީ އެއީ ފިލްމު ޕްރޮމޯޓްކުރަން ދައްކާ ވާހަކައަކަށް ހަދައިފާނެތީކަމަށެވެ. އޭނާ އިތުރަށް ބުނީ އެފިލްމު ކުޅުމަށް އެއްބަސްވީވެސް އޭނާ އޭރު ހުރި ހާލަތާއި ފިލްމުގެ ވާހަކައާ ގުޅޭތީއެވެ. އަދި ނޯވޭ ފަދަ ގައުމަކުން އިންޑިއާގެ އާއިލާއަކަށް އެކަލަ ކަމެއް ކުރުމުން އެކަމާވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހައިރާންވެފައި ކަމަށް ބުނިއެވެ.
މިސިސް ޗަތަރްވޭދީ ވާސަސް ނޯވޭ ރިލީސްކޮށްފައިވަނީ މިއަހަރު މާޗުގައެވެ.