މިއަދު ގުޅާއި ބައިނަލްއަގުވާނީ ފައިބާ ކޭބަލްގެ ސަބަބުން އިންޓަނެޓުގެ ވަރަށް ބޮޑަށް ހެޔޮވެގެންދާނެ ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިންޓަނެޓް އަގުހެޔޮކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓު ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާ މިއަދު ވަނީ ގުޅާލައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ ދެ ކުންފުނި ކަމަށްވާ ދިރާގު އަދި އުރީދޫން މިހާރު ޖެހެނީ ބޭރުގެ ގައުމުތަކުން އަގުބޮޑުކޮށް އިންޓަނެޓު ގަންނަން ކަމަށެވެ. ނަމަވެސް އާ ފައިބާ ކޭބަލާއެކު ބޮޑު އަގުގައި އިންޓަނެޓު ގަތުން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑުމެންގެ އަންދާޒާއަކީ މަދުވެގެން މި ކޭބަލް އާ އެއްކޮށް، މިހާރު ދިރާގު އުރީދޫ ތަންތަނުން ބޭރުން އެ ގަންނަ އަގުގެ 50 ޕަސަންޓު އަގު ހެޔޮ ކުރެވޭނެ ކަމަށް،" ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖެއިން މީގެކުރިން ބޭނުންކުރަމުން އައީ ސްރީ ލަންކާ އަދި އިންޑިއާގެ ނެޓްވޯކުގެ ތެރެއިން ދޫކުރާ އިންޓަނެޓު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ކޭބަލް، ބައިނަލްއަގުވާމީ ނެޓްވޯކާ ގުޅާލުމުގެ މަސައްކަތް ކަމަށާއި އެއާއެކު އެހެން ގައުމަކަށް ބަރޯސާނުވެ އިންޓަނެޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ސަރުކާރުން ގެންނަ އިންގިލާބީ ބަދަލެއް ކަމަށާއި އެ ބަދަލުގެ ހެޔޮ ފައިދާ އެކިއެކި ދާއިރާތަކަށް ކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން ވި އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ ވައުދު، ވަރަށް ބޮޑުތަނުން ފުއްދައި ނިމިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން އިންޓަނޭޓްގެ އަގު ހެޔޮ ކުރުމަށް ދިރާސާ ކުރެވުނު އިރުގައި، މި އިންފްރާސްޓަރްޗާގެ މިނިވަންކަން ސަރުކާރަށް އޮންނަން ޖެހޭނެކަން އެނގުނު. އާދެ މިއަދު ކަރަންޓުގެ ހިދުމަތާއި އެއާލައިންގެ ހިދުމަތަކާއި މި ހުރިހާ ކަމަކީ ދިވެހި ރައްޔިތުންނާ ގުޅުން ހުރި، އިގުތިސޯދާ ގުޅުން ހުރި ކަންކަމަށްވާ އިރު، ކުރިއަށް އޮތް މުސްތަގުބަލުގައި ޑިޖިޓަލްކޮށް ގުޅާލުމަކީ އަޅުގަނޑުމެންގެ ސެކިއުރިޓީ އާއި އިގުތިސޯދާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮތް ކަމެއް" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރަށްތައް އެ ފައިބާ ނެޓްވޯކަށް ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު