ޓޮޓެންހަމްގެ ތަރި، އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން އިނގިރޭސި ފުޓުބޯޅަ ދޫކޮށް، ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް ދާން މެޑިކަލް ފުރިހަމަކުރަން ތައްޔާރުވެއްޖެއެވެ.
ކޭންގެ ޓްރާންސްފާ ފީއަކަށް ޓޮޓެންހަމް އާއި ބަޔާން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. ބީބީސީ ސްޕޯޓްސްއިން ބުނެފައިވަނީ ދެ ކްލަބުން ކޭންއަށް އެއްބަސްވެފައިވާ އަގަކީ 86.4 މިލިއަން ޕައުންޑްގެ އަގެއް ކަމަށެވެ. ހަބަރުތައް ބުނެފައި ވަނީ އުމުރުން 30 އަހަރުގެ ކޭން، ބަޔާނަށް ދާން އެއްބަސްވެ، މިހާރު މެޑިކަލްއަށް ޖަރުމަނަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ޓޮޓެހަމްއިންވެސް ހުއްދަ ދީ، ޓްރާންސްފާގެ ކަންކަން އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ކޭން ހޯދުމަށް ބަޔާނުން މީގެ ކުރިން ކުރި ދެ ބިޑަކަށް ޓޮޓެންހަމް ވަނީ ނޫނެކޭ ބުނެފައެވެ. ކޭން ގެންދަން ބަޔާނުން މަސައްކަތް ކުރާތާ ދުވަސްތަކެއްވެފައިވާ އިރު، ބަޔާނުން ކޭން ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މިދިޔަ ސީޒަނުގެ ކުރިން އެ ކްލަބު ދޫކޮށްލި ރޮބާޓް ލެވަންޑޮސްކީ ނެތްތައް ފޫބެއްދުމަށެވެ.
އިންގްލެންޑްގެ ކެޕްޓަން ކޭން، ޓޮޓެންހަމްއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާ އިރު، އެ އެއްބަސްވުމަށް ގޮތެއް ނިންމަން ލިބޭނެ އެންމެ ފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނަކީ މިއީއެވެ.
ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިދީފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޓޮޓެންހަމްއަށް ތަށްޓެއް ހޯދިފައިނުވާ އިރު، އެއީ އެ ކްލަބަށް ވަރުގަދަ ކުޅުންތެރިން މަޑުކުރުވަން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.
މީގެ ކުރިން ކޭން ބަޔާން ދޫކޮށްލަން މަސައްކަތް ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. އެފަހަރު ކޭން ގެންދަން ސިޓީން މަސައްކަތް ކުރި ނަމަވެސް، ޓޮޓެހަމްއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެފަހަރު ކޭން ވަނީ ޕްރި ސީޒަނަށް ނުކުމެވެސް މަޑުކޮށްފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު