ރާއްޖޭގައި ކުރިއަށްދިޔަ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަން ކަމާއެކު ޑޭވިޑް ހުބާޑް، އައިބީސީ ވޯލްޑް ޓުއާ 2023ގެ ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަން ޔަގީންކޮށްފިއެވެ.
ހުބާޑް މިއަދު ޔަގީންކުރީ ބޮޑީބޯޑިންގެ 10 ވަނަ ޓައިޓަލްއެވެ. މިހާރު އޭނާއަކީ ބޮޑީބޯޑިންގެ ތާރީހުގައިވެސް އެންމެ ގިނަ ތަށި ހޯދާފައިވާ އެތުލީޓެވެ. ވިޒިޓް މޯލްޑިވްސް ޕްރޯ ވޯލްޑް ޓުއާ އިވެންޓްގެ ފައިނަލްތައް މިއަދު ވަރުނުލާ ރާޅުގަނޑުގައި ކުރިއަށް ގޮސްފައިވާ އިރު، ހުބާޑް ފައިނަލުގައި ވާދަކުރީ ހަވާއީގެ ސެމީ މޮރެޓީނޯއާއެވެ. ހުބާޑް 16.00ގެ ސްކޯއެއް ހޯދި އިރު، ސެމީއަށް ހޯދުނީ 13.70ގެ ސްކޯއެވެ.
ހުބާޑް ވެފައިވަނީ ވޯލްޑް ޓުއާ އިވެންޓެއްގެ ޗެމްޕިއަންކަން ރާއްޖޭގައި ޔަގީންކުރި ފުރަތަމަ އެތުލީޓަށެވެ. އަދި މިއީ ރާއްޖޭގައި މި ފަހަރު ބޮޑު ޝަރަފެއް އެތުލީޓަކު، ކުޅިވަރަކުން ހާސިލުކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ބޮޑީބޯޑިން ވޯލްޑް ޓުއާގެ އިވެންޓް ރާއްޖޭގައި ބާއްވަން ފެށީ މިދިޔަ އަހަރުއެވެ. ހުބާޑް ވަނީ މިދިޔަ އަހަރު ފިރިހެން އޯޕަން ޑިވިޝަނާއި ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައި، ރެކޯޑެއްވެސް ހަދާފައެވެ.
މިއަދު ކުރިއަށްދިޔަ ފިރިހެން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފްރާންސްގެ ޕިއޭ ލުއިސް ކޯސްޓެސްއެވެ. އޭނާ 13.60ގެ ސްކޯއެއް ފައިނަލް ހީޓްގައި ހޯދި އިރު، ދެން ވާދަކުރި ހަވާއީގެ ޓެނާ މެކްޑެނިއަލްއަށް ލިބުނީ 11.65ގެ ސްކޯއެކެވެ.
އަންހެން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން މިއަދު ހޯދީ ޓެރޭސާ މިރާންޑާއެވެ. އޭނާ ފައިނަލް ހީޓްގައި 13.50ގެ ސްކޯއެއް ހޯދާފައިވާ އިރު، އަންހެން ޑިވިޝަންގައި ދެވަނައަށް ނިންމާލި ޖަޕާނުގެ ސާރީ އޯހާރާއަށް ލިބުނީ 13.25ގެ ސްކޯއެކެވެ. މި އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ސްޕެއިންގެ ޖޯޖު ހެނާންޑޭޒްއެވެ.
މިހާރުވެސް ދުނިޔޭގެ ޗެމްޕިއަން ޖޯޖު ހެނާންޑޭޒް މިއަދު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 13.75ގެ ސްކޯއެއް ހޯދައިގެންނެވެ. އޭނާ ސެމީގައި ވާދަކުރީ ރާއްޖޭގެ ކުޅަދާނަ އެތުލީޓް އާމިން އުމަރު މޫސާ އާއެވެ. އެ ހީޓްގައި ޖޯޖު ހެނާންޑޭޒް 12.25ގެ ސްކޯއެއް ހޯދި އިރު، އާމިންއަށް ލިބުނީ 7.75ގެ ސްކޯއެކެވެ.