ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް ކުރިއަރަމުން އަންނަ މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" މިއަދު ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރުސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު، ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން އިއްޔެ ހުޅުވާލި "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ފެށުމުގެ ގޮތުން އެ ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިޔަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވާ ކަމަށެވެ.

ޓޫ އޮފް އަސް ވަނީ އިންޑިއާގައި ބޭއްވި ސަރަހައްދީ ފެންވަރުގެ ރިއަލިޓީ ޝޯ، "ބެޓަލްސް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގެ ތިން ވަނަ ހޯދައިފައެވެ.

އޭގެ ފަހުން ބޮލީވުޑްގެ ބައެއް ފަންނާނުންނާއެކު އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ވެސް ބާއްވައިފައެވެ.

ޓޫ އޮފް އަސް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ޝޯތައް ދީފައެވެ. އަދި ބައެއް އިވެންޓުތަކުގައިވެސް ޝޯތައް ދީފައިވެއެވެ. އޭގެ ތެރޭގައި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ހިމެނެއެވެ.

ޓޫ އޮފް އަސް އިން މިހާރު އަމާޒު ހިފާފައިވަނީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ރިއަލިޝީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ 19 ވަނަ ސީޒަނަށެވެ. އެ ސީޒަނުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތުވެސް އެ ބޭންޑަށް މިހާރު ވަނީ ލިބިފައެވެ.