މި ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، ފްލެޓް ލިބޭ މީހުންގެ ތެރެއިން ގިނަ ބަޔަކަށް މި ދައުރުގެ ތެރޭގައި ފްލެޓް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުން ވަގުތީ ލިސްޓް އާންމުކޮށްފައެވެ. އެގޮތުން ފްލެޓަށް ކުރިމަތިލި 20،697 މީހުންގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުން ވަނީ ޝަރުތު ހަމަވެފައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ ދާއިމީ ފްލެޓް ލިސްޓް، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ނިމުނުހާ އަވަހަކަށް ނެރޭނެ ކަމަށެވެ.

އޭނާ ވަނީ ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހެޅި ފޯމުގައި ދީފައިވާ މައުލޫމާތަށް ބަލައި، ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އަކްރަމް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ފްލެޓްތައް ނިމޭ ވަރަކުން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"ފްލެޓްތައް ނިމެމުން ދިޔަވަރަކަށް ހަވާލު ކުރާނަން. މި ދައުރުގެ ތެރޭގައި ބޮޑުބައި ހަވާލު ކުރާނަން ނިމެމުން ދިޔަ ވަރަކަށް،" އަކްރަމް ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ ފްލެޓަށް ޝަރުތު ހަމަނުވާ 6،000 އަށްވުރެ ގިނަ މީހުންނަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފައެވެ.

އަކްރަމް ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަނުވާ ގިނަ ފަރާތްތަކަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ކަމަށް، ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުން ކަށަވަރު ނުވާ ފަރާތްތައް ކަމަށެވެ. އަދި ވިދާޅުވީ ޝަކުވާ ހުށަހަޅަން މިހާރު ހުޅުވާލެވިފައިވާ އިރު، 15 އަހަރު މާލޭގައި ދިރިއުޅޭކަން ޔަގީންކޮށްދިނުމަށް އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ 15 އަހަރު މާލޭގައި ދިރިއުޅުނުކަމުގެ ހެއްކެއްގެ ގޮތުގައި ވަޒީފާ އަދާކުރިތަންތަން ނުވަތަ ތަނުގެ ލިޔުމާއި ސްކޫލުގެ ނުވަތަ ކޮލެޖްގެ ލިޔުމުގެ އިތުރުން ދަރިން ކިޔަވަން ތިބި ކަމުގެ ލިޔުން ހުށަހެޅުމުން ރަނގަޅުވާނެ ކަމަށެވެ. މީގެ އިތުރުން ޕެންޝަނާ ގުޅޭ ލިޔުމާއި އަނބި މީހާ ނުވަތަ ފިރިމީހާ ވަޒީފާ އަދާ ކުރިކަމުގެ ލިޔުން ހުށަހެޅިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ މި މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.

ހަތަަރުހާސް ހައުސިން މަޝްރޫއުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާއިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.