މި ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވި ނުވި ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުން ވަގުތީ ލިސްޓް އާންމުކޮށްފައެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުންނެވެ. އޭގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވި އިރު، 6،000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމައެއް ނުވެއެވެ. އެހެންވެ، ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަނުވާ ގިނަ ފަރާތްތަކަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ކަމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުގެ ސައްހަކަން ކަށަވަރު ނުވާ ފަރާތްތައް ކަމަށެވެ.
"މީހުން ހުށަހަޅާފަ އެބަ ހުރި ކޮންމެވެސް ގެއަކު ތިމަންނަ އުޅުނީމޭ ކިޔާފަވެސް. އެކަން ކިހިނެއްތޯ ކަށަވަރު ކުރާނީ، އެ ގޭގެ ވެރިފަރާތުގެ ސިޓީއެއްވެސް ނޯވޭ ހުށަހަޅާފައެއް. ހެކިވެރިއެއްގެ ބަސް ބޭނުންވާނެ ނޫންތޯ. އެގޮތް ކަމަކު ނުދާނެ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަކުވާ ހުށަހަޅަން މިހާރު ހުޅުވާލެވިފައިވާ އިރު، 15 އަހަރު މާލޭގައި ދިރިއުޅޭކަން ޔަގީންކޮށްދިނުމަށް އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އަކުރަމް ވިދާޅުވީ 15 އަހަރު މާލޭގައި ދިރިއުޅުނު ކަމުގެ ހެއްކެއްގެ ގޮތުގައި ވަޒީފާ އަދާ ކުރިތަންތަން ނުވަތަ ތަނުގެ ލިޔުމާއި ސްކޫލުގެ ނުވަތަ ކޮލެޖްގެ ލިޔުމުގެ އިތުރުން ދަރިން ކިޔަވަން ތިބި ކަމުގެ ލިޔުން ހުށަހެޅުމުން ރަނގަޅުވާނެ ކަމަށެވެ. މީގެ އިތުރުން ޕެންޝަނާ ގުޅޭ ލިޔުމާއި އަނބި މީހާ ނުވަތަ ފިރިމީހާ ވަޒީފާ އަދާ ކުރިކަމުގެ ލިޔުން ހުށަހެޅިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ މި މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.
ހަތަަރުހާސް ހައުސިން މަޝްރޫއުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާއިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު