މަގުބޫލު ފިލްމު ޑޯންގެ ތިން ވަނަ ސީކުއިންސްގައި ރަންވީރު ސިންގު ފެނިގެންދާނެ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރު މިވަނީ އެކަން ޔަގީން ކޮށްދީފައެވެ.
ފަރްޚާންގެ މީސް މީޑިއާގައި އަމީތާބު ބަޗަން އަށާއި ޝާހުރުކް ޚާނަށް ސަނާ ކިޔަމުން ފަރްޚާން ބުނެފައިވާގޮތުގައި އެ ތަރީންވެސް ވަނީ ޑޯންގެ ކެރެކްޓަރު ވަރަށް މޮޅަށް ކުޅެފައެވެ. މިހާރު މިއީ އާ ތަރިއަކަށް އެ ނަން ކުރިއަރުވަން ފުރުސަތު ދޭން ޖެހޭ ވަގުތުކަމަށް ވެސް ބުނެފައިވެއެވެ.
ޑޯން 3 ގެ ޓީޒާވެސް މިހާރު ވަނީ ރިލީސްކޮށްފައެވެ. މި ޓީސާގައި ފިލްމުގައި އާންމުކޮށް ބޭނުން ކުރާ ޑައިލޮގްތައް އިވިގެން ދެއެވެ. ޓީޒާއިން ހަމައެކަނި ދައްކަނީ ރަންވީރެވެ.
ފިލްމު ޑޯނުގެ އެންމެ މުހިންމު ރޯލު ކުޅޭ 'ޑޯން' ބަދަލު ކުރުމާ ގުޅިގެން ފޭނުން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް ރަންވީރުގެ ސަޕޯޓަރުން އަންނަނީ އޭނާއަށް އެރޯލު ޝާހުއަށް ވުރެ މާ މޮޅަށް ކުޅެވިދާނެކަމަށް ބުނަމުންނެވެ.
ފިލްމު ޑައިރެކްޓް ކުރާނީ ފަރްޚާން އަހްތަރުއެވެ. ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ކާކުކަމެއް އަދި އާންމުކޮށްފައެއް ނުވެއެވެ. މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމުތައް ކަމަށްވާ 'ގަދަރު 2'، 'އޯއައިގޯޑް 2' އަދި 'ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ' ގެ އިޝްތިހާރުގެ ވަގުތުތަކުގައި 'ޑޯން 3' ގެ މި ޓީޒާ ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ.