މިހާރު ރާއްޖޭގައި ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލަށް ރާއްޖޭގެ އާމިން އުމަރު މޫސާ ދަތުރު ކޮށްފިއެވެ.
ޖޫނިއާ ކުއާޓާ ފައިނަލް ހީޓްތައް މިއަދު ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ އިރު، އާމިން ސެމީގެ ޖާގައެއް ކަށަވަރު ކުރީ މިއަދު ކުއާޓާ ފައިނަލް ހީޓުގައި ޕޯޗުގަލްގެ އެޑުއާޑޯ މަސޭޑޯ ބަލިކޮށްގެންނެވެ. ވާރޭގައި ކުރިއަށްދިޔަ ހީޓްގައި އާމިން ޖުމުލަ 11.75 ގެ ސްކޯއެއް ހޯދި އިރު، ޕޯޗުގަލްގެ މަސޭޑޯއަށް ހޯދުނީ 10.25 ގެ ސްކޯއެކެވެ. އާމިން އަނެއްކާވެސް ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ސެމީއަށް ދަތުރުކޮށްފައިވާ އިރު، ސެމީގެ ހީޓް އެކެއްގައި އޭނާ ދެން ވާދަކުރަން ޖެހޭނީ ސްޕެއިންގެ ޖޯޖު ހެނާންޑޭޒްއާ ދެކޮޅަށެވެ.
އާމިން ވަނީ މިދިޔަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ. އެ ޝަރަފާއެކު އޭނާ ވެގެންދިޔައީ އައިބީސީ ވޯލްޑް ޓުއާ މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ދިވެހި އެތުލީޓަށެވެ. ފައިނަލުގައި ބަލިވި ނަމަވެސް، މެޑަލް އަޅައި އާމިން ވަނީ އެފަހަރު ދުނިޔޭ ރޭންކިންގައިވެސް ބޮޑު ތަފާތަކުން ކުރިއަށް ޖެހިލައިފައެވެ.
މިދިޔަ އަހަރުގެ އައިބީސީ ވޯލްޑް ޓުއާ ބޮޑީބޯޑިން އިވެންޓްތަކުގެ އެންމެ ފަހު މުބާރާތަށް އެތުލީޓުން ރޭންކް ކޮށްފައި އޮތް އިރު، އާމިން އޮތީ ޖޫނިއާ ބައިގެ ތިންވަނައިގައެވެ. އާމިން އެފަހަރު ރޭންކިންގެ ތިންވަނައިގައި އޮތީ ޖުމުލަ 1720 ޕޮއިންޓާއެކުގައެވެ.
މިފަހަރު ރާއްޖޭގައި ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގައި ދެން އެންމެ ބޮޑު ތަފާތެއް ދެއްކި ދިވެހި އެތުލީޓަކީ އަލީ ޝާމް ރާފިއުއެވެ. އޭނާ ވަނީ ދެ ފަހަރަކަށް ދުނިޔޭގެ ނުވަ ފަހަރުގެ ޗެމްޕިއަން މައިކް ސްޓެވާޓް ބަލިކޮށްފައެވެ. ޝާމް އިއްޔެ ކެޓީ ފަސްވަނަ ބުރުންނެވެ.