މިހާރު ރާއްޖޭގައި ކުރިއަށްދާ ވިސިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ޑިވިޝަންގެ ފަސްވަނަ ބުރުގައި ރަނގަޅަށް ވާދަކޮށް، އަލީ ޝާމް ރާފިއު ކެޓިއިރު، ޖޫނިއާ ޑިވިޝަންގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އާމިން އުމަރު މޫސާ ޖާގަ ހޯދައިފިއެވެ.
މިއަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދަމުން ދިޔަ އެތުލީޓަކީ ޝާމްއެވެ. އޭނާ ވަނީ ދެ ހީޓެއްގައި ދުނިޔޭގެ ނުވަ ފަހަރުގެ ޗެމްޕިއަން މައިކް ސްޓެވާޓް ބަލިކޮށްފައެވެ. ޝާމްއަކީ މިފަހަރު މުބާރާތުގެ ހަތަރުވަނަ ބުރު ފަހަނައަޅައި ކުރިއަށްދިޔަ ހަމައެކަނި ދިވެހި އެތުލީޓުވެސް މެއެވެ.
ފަސްވަނަ ބުރުގެ ހީޓް ފަހެއްގައި ޝާމް ވާދަކޮށްފައި ވަނީ ޗިލީގެ މޮއިސެސް ސިލްވާއާއި ފްރާންސްގެ ފަބިއެން ތަރާޒާއެކުގައެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ޗިލީގެ ސިލްވާއެވެ. ސިލްވާ ހީޓްގެ އެއްވަނަ ހޯދީ 13.35 ޕޮއިންޓާއެކުގައެވެ. ހީޓްގެ ދެވަނަ ހޯދި ތަޒާރު ހޯދީ 11.50 ޕޮއިންޓާއެކުގައެވެ. ޝާމަށް ލިބުނީ 10.55 ގެ ސްކޯއެކެވެ.
އާމިން ޖޫނިއާ ބައިގެ ތިންވަނަ ބުރުގެ ހީޓް އެކެއްގައި ވާދަކޮށް އެ ހީޓްގެ އެއްވަނަ ހޯދީ 12.25 ގެ ސްކޯއަކުންނެވެ. އާމިންއާއެކު ވާދަކުރި އޮސްޓްރޭލިއާގެ ރަޔަން ހިލް-ސްމިތަށް ދެވަނަ ލިބުނީ 8.40 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގައި ދެން ވާދަކުރީވެސް ރާއްޖޭގެ އެތުލީޓެކެވެ. އެއީ މުހައްމަދު ޝިބްތެވެ. ޝިބްތަށް ހީޓްގެ ތިންވަނަ ލިބުނީ 2.55 ގެ ސްކޯއަކާއެކުގައެވެ.
ޖޫނިއާ ބައިގެ ތިންވަނަ ބުރުގެ ހީޓް ހަތަރެއްގައި ރާއްޖޭގެ އިޔާން އަހުމަދު ވާދަކޮށްފައިވާ އިރު، އޭނާ ދިޔައީ ހީޓްގެ ތިންވަނަ އަށެވެ. ހީޓްގެ ތިންވަނަ އިޔާނަށް ލިބުނީ 6.20 ގެ ސްކޯއަކާއެކުގައެވެ. ހީޓްގެ އެއްވަނަ ބްރެޒިލްގެ ގުއިލޭމޭ މޮންޓެނީގްރޯ ހޯދީ 12.65 ގެ ސްކޯއަކާ އެކުގައެވެ. ހީޓްގެ ދެވަނަ ހޯދީ ދެކުނު އެފްރިކާގެ ހޫގޯ ނޯޑޭއެވެ. އޭނާ ވަނީ 11.75 ގެ ސްކޯއެއް ހޯދައިފައެވެ.
އާމިން ކުއާޓާ ފައިނަލްގެ ހީޓް އެކެއްގައި ވާދަކުރާނީ ޕޯޗުގަލްގެ އެޑުއާޑޯ މަސޭޑޯއާ ދެކޮޅަށެވެ.