މި ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވި ހުރިހާ މީހުންނަށް ދެވަނަ ދައުރެއް ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޯޑެއްދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ފްލެޓް ލިސްޓުގައި ޝަރުތު ހަމަވާ 13،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.

"އެއިން ކޮންމެ މީހަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މާލެއިން ފްލެޓް އަޅާދީ، ހަވާލުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުންނެވެ.

އެ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުމާލެ ފޭސް ދޭއްގައި 4,000 ފްލެޓް ހަދަމުންދާއިރު, އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.