ވިސިޓް މޯލްޑިވްސް ޕްރޯ

ޝާމް، ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ މައިކް އަނެއްކާވެސް ބަލިކޮށްފި

އައިބީސީ ވޯލްޑް ޓުއާގެ ފިރިހެން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން މީގެ ކުރިން ނުވަ ފަހަރު ހޯދާފައިވާ މައިކް ސްޓެވާޓް ބަލިކޮށް، އަލީ ޝާމް ރާފިއު ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ ވިސިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ޑިވިޝަންގެ ހަތަރުވަނަ ބުރުގެ ހީޓްތައް އިއްޔެ ކުރިއަށް ގޮސްފައިވާ އިރު، ޝާމްގެ އިތުރުން ދެން ހަތަރުވަނަ ބުރުގައި ވާދަކުރީ ރާއްޖޭގެ ބޮޑީބޯޑަރުންނަކީ އަލީ ޚުޝްރުވާން އަހުމަދު އާއި އިޔާން އަހުމަދެވެ.

މިދިޔަ އަހަރު ވިސިޓް މޯލްޑިވްސް ޕްރޯގައި ތަފާތު ދައްކައި، ރާއްޖޭގެ ތާރީހު ލިޔެލި ކުޑަ އައްޔަ އިއްޔެ ހަވަރުވަނަ ބުރުގައި ވާދަކުރީ ހީޓް ހަތަރެއްގައެވެ. ހީޓް ހަތަރެއްގައި އައްޔައާއެކު ވާދަކުރީ ފްރާންސްގެ ޔޭން ސަލައުން އާއި އެތަން ކެޕްޑިވިލާއެވެ. އައްޔަ ދިޔައީ އެ ހީޓްގެ ތިންވަނަ އަށެވެ. އެއީ 9.20 ޕޮއިންޓާއެކުގައެވެ. ހީޓުން އެއްވަނަ ހޯދި ސްލައުން ވަނީ 13.50 ޕޮއިންޓް ހޯދައިފައެވެ. ދެވަނައަށް ދިޔަ ކެޕްޑެވިލާ ވަނީ 11.80 ޕޮއިންޓް ހޯދައިފައެވެ.

ޝާމް ހީޓް ހަތެއްގައި ވާދަކޮށް އެއްވަނަ ހޯދީ 11.00 ގެ ސްކޯއަކާ އެކުގައެވެ. ހީޓްގެ ދެވަނައަށް ދިޔަ ހަވާއީގެ މައިކަށް ލިބުނީ 10.65 ޕޮއިންޓެވެ. ޝާމް ވަނީ ތިންވަނަ ބުރުގައިވެސް މައިކާ އެއް ހީޓެއްގައި ވާދަކޮށް، އެ ހީޓްގެވެސް އެއްވަނަ ހޯދައިފައެވެ. އެއީ އައިބީސީ ވޯލްޑް ބޮޑީބޯޑިން ޓުއާގައި ރާއްޖޭގެ އެތުލީޓަކު ހީޓަކުން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

ގިނަ ބަޔަކު ހައިރާންކޮށްލައި، ހަތަރުވަނަ ބުރަށް ދިޔަ ރާއްޖޭގެ ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު ވާދަކުރީ ހަތަރުވަނަ ބުރުގެ ހީޓް ހައެއްގައެވެ. އިޔާން ހީޓްގެ ތިންވަނައަށް ދިޔައީ 8.00 ޕޮއިންޓާއެކުގައެވެ. އެ ހީޓްގެ އެއްވަނަ ހޯދީ ޗިލީގެ މޮއިސެސް ސިލްވާއެވެ. އެއީ 12.65 ޕޮއިންޓާއެކުގައެވެ. ދެވަނައަށް ދިޔަ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓެސްއަށް ލިބުނީ 10.60 ގެ ނަތީޖާއަކުންނެވެ.

ފަސްވަނަ ބުރުގައި ޝާމް ވާދަކުރާނީ ފަސްވަނަ ހީޓްގައެވެ. އެ ހީޓްގައި ދެން ވާދަކުރާނީ ޗިލީގެ މޮއިސެސް ސިލްވާއާއި ފްރާންސްގެ ފަބިއެން ތަޒާރެވެ.