އިންޑިއާގެ ''ޗަންދްރަޔާން 3'' ނެގި ހަނދުގެ ފުރަތަމަ ފޮޓޯ ދައްކާލައިފިއެވެ.

އިންޑިއާއިން ހަނދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހާއްސަ ދިރާސާތަކެއް ހަދާ މިޝަންގައި ހަދަށް ދަތުރުފަށާފައިވާ ''ޗަންދްރަޔާން 3'' ޖައްވީ އުޅަނދު ހަނދުގެ އޯބިޓަށް ވަދެ، ނެގި ފުރަތަމަ ފޮޓޯ ވަނީ ދައްކާލައިފައެވެ.

''ޗަންދްރަޔާން 3'' ކާމިޔާބު ކަމާއެކު ހަނދުގެ އޯބިޓަށް ވަދެފައިވަނީ ދަތުރު ފެށިތާ 22 ދުވަސް ފަހުންނެވެ.

އިންޑިއާގެ ސްޕޭސް އެޖެންސީން ވަނީ ''ޗަންދްރަޔާން 3'' މިމަހުގެ 24 ނޫނީ 25 ވަނަ ދުވަހު ހަނދުގެ ސަތަހައިގައި ޖައްސާނެ ކަމަށް ބުނެފައެެވެ. ''ޗަންދްރަޔާން 3'' ކާމިޔާބު ކަމާއެކީ ހަނދަށް ޖައްސައިފި ނަމަ، މިއީ އިންޑިއާގެ ޖައްވީ އުޅަނދެއް ހަނދުގައި ޖައްސާ ފުރަތަމަ ފަހަރަށް ވާނެއެވެ.