ޕާކިސްތާނުގައި ރޭލެއް ދަގަނޑުން ކަހާލައި އެކްސިޑެންޓެއް ހިންގައިފިއެވެ.

ޕާކިސްތާނުގެ ދެކުނު ސިންދު ޕްރޮވިންސްގައި އިއްޔެ ހިނގި މި ހާދިސާގައި 30 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ރޭލު ދަގަނޑުން ކަހާލި ހާދިސާގައި 67 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ އިރު، ހާލު ގޯސް މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޮފިޝަލުން ވަނީ އަނިޔާވި މީހުންގެ ބައެއް މީހުންގެ ހާލު ދަށްވަމުން ދާ ކަމަށް ބުނެފައެވެ. މިއާއެކު މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވެރިރަށް ކަރާޗީއިން ހަވޭލިއަން އަށް ދަތުރުކުރި އެރޭލުގެ ބައިތައް އެސަރަހައްދުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ޕާކިސްތާނުގެ ރެއިލްވޭ މިނިސްޓަރު ހަވާޖާ ސާދު ވަނީ ރޭލު ދަގަނޑުން ކަހާލި ހާދިސާ ތަހުގީގު ކުރަށް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. ތަހުގީގުގެ ބޭނުމަށް މިހާރުވެސް ގިނަ ބަޔަކާ ސުވާލު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ އާންމު ދަތުރު ފަތުރުގައި ގިނަ ބަޔަކު ބޭނުންކުރާ ރޭލުގެ ނިޒާމުގެ ސަލާމަތީ ކަންކަމާއި ބޭނުންކުރާ އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުވެފައި ނުވުމާއެކު އެގައުމުގައި ގިނަ އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.