އިންޑިއާގެ ''ޗަންދްރަޔާން 3'' ހަނދުގެ އޯބިޓް ތެރެއަށް ވަދެއްޖެއެވެ.

އިންޑިއާގެ ޗަންދްރަޔާން މިޝަން އަކީ އިންޑިއާއިން ހަނދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހާއްސަ ދިރާސާތަކެއް ހަދާ މިޝަނެކެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ''ޗަންދްރަޔާން 3'' ހަނދަށް ފޮނުވާލާފައިވާ އިރު، ހަނދަށް ދިއުމުގެ ދަތުރުގެ ކުރިން ދުނިޔެ ވަށައިވެސް ވަނީ ބުރު ޖަހައިފައެވެ. ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރުމުގެ ކުރިން ހަނދުގެ އޯބިޓުގައި ވެސް ބުރުޖަހާނެ ކަމަށް އިންޑިއާގެ ސްޕޭސް އެޖެންސީން ބުނެފައިވެއެވެ.

އިންޑިއާގެ ސްޕޭސް އެޖެންސީން ވަނީ ''ޗަންދްރަޔާން 3'' މިމަހުގެ 24 ނޫނީ 25 ވަނަ ދުވަހު ހަނދުގެ ސަތަހައިގައި ޖައްސާނެ ކަމަށް ބުނެފައެެވެ. ''ޗަންދްރަޔާން 3'' ކާމިޔާބު ކަމާއެކީ ހަނދަށް ޖައްސައިފި ނަމަ، މިއީ އިންޑިއާގެ ޖައްވީ އުޅަނދެއް ހަނދުގައި ޖައްސާ ފަހަރަށް ވާނެއެވެ.

އިންޑިއާއިން 2008 ވަނަ އަހަރުވެސް ހަނދަށް އުޅަނދެއް ފޮނުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މިޝަން "ޗަންދްރަޔާން - 1" ވަނީ ހަނދަށް ތިރިކުރުމުގެ ތެރޭގައި ފެއިލްވެ ވެއްޓިފައެވެ. އޭގެ ފަހުން ޗަންދްރަޔާން - 2 އިންޑިއާއިން ހަނދަށް ފޮނުވާލާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެ މިޝަންވެސް ވަނީ ފެއިލްވެފައެވެ.

އިންޑިއާއިން "ޗަންދްރަޔާން - 3" ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ގިނަ ދިރާސާތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ޗަންދްރަޔާން އުޅަނދުގައި ވަނީ ހިމަނައިފައެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް ތިރިކޮށްފި ނަމަ، އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ތިރިކުރި ހަތަރުވަނަ ގައުމަށެވެ.