ހއ. ހޯރަފުށި އެއާޕޯޓުގައި ނައިޓްލޭންޑިން ސިސްޓަމް ގާއިމުކޮށް ރޭގަނޑު ފްލައިޓު ޖެއްސޭގޮތް ހަދައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރްއޭސީއެލް)ގެ ދަށުން ހިންގާ ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓުތައް ފެށީ ރޭގައެވެ. ރޭގަނޑުގެ ދަތުރުތައް ފެށުމަށް ރޭ ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިި މި ދަތުރުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ ރޭގަނޑުގެ ދަތުރުތައް ފެށުމުން ހޯރަފުއްޓަށް އިގުތިސާދީގޮތުން އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށްވެސް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ރޭގަނޑުގެ ދަތުރުތައް ފަށައި ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމެއް. މިއީ ގެސްޓްހައުސްތަކުގެ އެނދުތައް އިތުރުކުރުމަށް މަގުފަހިވާނެ ކަމެއް." ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ އާރްއޭސީއެލްއިން މަސައްކަތްކުރަމުން އަންނަނީ އެ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް މުވައްޒަފުން ތަމްރީނުކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި ކުންފުނީގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯރަފުށި ކައުންސިލް ރައީސް މުހައްމަދު ވަހީދު ވަނީ އެއާޕޯޓު ނެތް އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ދިމާވި ދަތުރުފަތުރުގެ ދަތިކަމުގެ ވާހަކަ ފާހަގަކުރައްވައިފައެވެ. އަދި ވިދާޅުވީ އެއާޕޯޓާއެކު އެކަމަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބެމުންދާ ކަމަށާއި އެއާޕޯޓުގެ ރޭގަނޑުގެ ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން ބޭސްފަރުވާއަށް ކުއްލި ހާލަތުގައި ކުރަންޖެހޭ ދަތުރުތައް ހެނދުނަށް ފަސްކުރަން ޖެހުން ފަދަ އުނދަގޫތަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގަނޑު ދަތުރުތައް ފަށައި ހޯރަފުށި އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.