ސްރީ ލަންކާގައި ކައްކާ ގޭހާއި ބޯފެނުގެ އަގު ބޮޑުކޮށްފިއެވެ.

ލަންކާގެ ގޭސް ސަޕްލައިކުރާ އެންމެ ބޮޑު ކުންފުނި ލިޓްރޯ ގޭސް ލަންކާއިން ވަނީ އެ ކުންފުނިން ވިއްކާ ކައްކާ ގޭސް މިއަދުން ފެށިގެން އަގުބޮޑުވެގެންދާނެ ކަމަށް ބުނެފައެވެ.

ލިޓްރޯ ގޭސް ލަންކާގެ ޗެއާމަން މުދިތާ ޕެއިރިސް ވިދާޅުވީ، ކައްކާ ގޭހުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ގޭސް ލިބޭ އަގު މެޓްރިކް ޓަނަކުން 85 އެމެރިކާ ޑޮލަރު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

ލަންކާގެ ފެނަށް އަންނާނެ ބަދަލު އާންމޮކޮށް ގެޒެޓް ކޮށްފައިވާއިރު އެ ގައުމުގެ ނެޝަނަލް ވޯޓާ އެންޑް ޑްރެއިނޭޖް ބޯޑުން ވަނީ މިއަދުން ފެށިގެން ފެނުގެ އަގުން %30 އާއި %50 އާ ދެމެދަށް އަގު ބޮޑުވެގެންދާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސީދާ އަސަރު މަދުން އާމްދަނީ ލިބޭ މީހުންނަށް ނުކުރާނެ ކަމަށްވެސް އެ ބޯޑުން ބުންޏެވެ.

ލަންކާއަށް ދާދި ފަހުން ކުރިމަތިލި އިގުތިސާދީ ކާރިސާއިން އަދިވެސް އަރައިގަނެވިފައި ނުވާއިރު، އެ ގައުމުން ގެންދަނީ އާންމުންނަށް ދޭ ހިދުމަތަށް ބަދަލު ގެނެސް ބައެއް ހިދުމަތުން އަގު ބޮޑުކުރަމުންނެވެ.