އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ "އުރީދޫ މަސްރޭސް 2023" 34 ޓީމާއެކު މާލެ ސިޓީގައި މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމުލަ ރެޖިސްޓާ ކުރި 83 ޓީމާއެކު މިއަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

އުރީދޫން މިއަދު ބުނީ މާދަމާ މެންދުރުފަހު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރުމަށްފަހު، މަސް ކިރުމަށް ހުރިހާ ޓީމުތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 9:00 ގެ ކުރިން އަންނަންވާނެ ކަމަށާއި މަސްކިރުމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށްދާ އިރު، ހަބޭސް ބޮޑުބެރުގެ ހިތްގައިމު ހަރަކާތްތައް އުސްފަސްގަނޑު ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ފުޅާކޮށްފައެވެ.

  • މާލެ ސިޓީ: އޮގަސްޓް 4
  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
  • އައްޑޫ ސިޓީ: އޮގަސްޓް 18
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫން ބުނީ މާލެއިން 34 ޓީމު ބައިވެރިވާ އިރު، ކުޅުދުއްފުށިން 23 ޓީމަކާއި އައްޑޫގެ 13 ޓީމަކާއި ފުވައްމުލަކުގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ ކަމަށާއި މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށެވެ.

އުރީދޫ މަސްރޭސް ރެކޯޑު މުގުރާލައި މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުންގެ ޓީމުން މިއަހަރުވެސް ވާދަކުރާނެއެވެ. އަންހެން ޓީމަކުން ނުކުމެ ރެކޯޑު އަދަދެއްގެ މަސްބާނައި ހޯދި އެ ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށް އުރީދޫން ދެކެއެވެ.

ޖުމުލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން ކޮންމެ ސިޓީއަކުން ވެސް ގަދަ ތިނެއް ހޯދާ ޓީމުތަކާއި އެންމެ މޮޅު ފިރިހެން ކެޔޮޅާއި އެންމެ މޮޅު އަންހެން ކެޔޮޅަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ޝުކުރު އަދާކޮށްފައެވެ. ލިބުނު ބޮޑު އެއްބާރުލުމަކީ އެ ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށާއި

އުރީދޫ މަސްރޭސްގެ ކުޅިވަރު ބަލައިލުމަށް އެންމެހައި ފަރާތްތަކަށް އުސްފަސްގަނޑު ސަރަހައްދަށް ދައުވަތު އަރުވާ ކަމަށް އުރީދޫން ބުންޏެވެ.