ޅ. ހިންނަވަރާއި ރ. މީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއަކީ އެ ކުންފުންޏާ ހަވާލުކުރެވިފައިވާ ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މައި މަޝްރޫއުގެ މަސައްކަތުގެ ތެރެއަށް އިތުރުކުރެވުނު މަސައްކަތްތެއް ކަމަށެވެ. ޕްލޭނިން މިނިސްޓްރީން، ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެ މަސައްކަތް ހަވާލުކުރީ 104.68 މިލިއަން ރުފިޔާއަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

"މަޝްރޫއުއާ ހަވާލުވެވުނީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި އޮތް ދުވަސްކޮޅުގައި ނަމަވެސް، މި ކުންފުނިން އަމާޒު ހިފީ މި މަޝްރޫއު ދީފައިވާ މުއްދަތަށް ނިންމައި ހަވާލުކުރުމަށެވެ. އެގޮތުން 104.68 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން މި ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުގެ 98 ޕަސަންޓް މަސައްކަތް އެއްކޮށް ނިމިފައިވާކަން އުފަލާއެކު ފާހަގަކުރަން،" އެމްޓީސީސީން ބުންޏެވެ.

ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މައި މަޝްރޫއުގެ ދަށުން، 269.53 މީޓަރުގެ ޝީޓް ޕައިލްކުރުމާއި، 422 މީޓަރުގެ އެލް ބްލޮކް ހަރުކުރުމާއި، 32,585.38 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 169.92 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 88 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 72.29 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 3,998.56 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި،

ބޮލާޑް އަދި މޫރިން ބްލޮކް ހަރުކުރުމާއި، 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ސޮއިކުރި ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރު މަސައްކަތްތަކުގެ ދަށުން، 244 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 51 މީޓަރުގެ މިހާރު ލާފައި ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި، 270 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 24.32 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމާގޮތަށް، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މިއަދު މީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލުކުރީ 48،399،453.94 (48.3 މިލިއަން) ރުފިޔާއަށް 450 ދުވަހުން ނިންމާ ގޮތަށެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހާލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.