މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައިފިއެވެ.
ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ވަނީ ފާސްކޮށް، ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފައެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާފައިވަނީ މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ޓިކެޓަށް ވާދަކުރައްވާފައިވަނީ ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށްފަހުއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ވަނީ ޓިކެޓު ދޭނެ ބޭފުޅެއް ނިންމުމަށް ސެނެޓު ބައްދަލުވުމެއް ބާއްވައި، ސިއްރު ވޯޓެއް ނަގައިފައެވެ. އެ ވޯޓުގައި ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ 48 މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު ޓިކެޓު ކާމިޔާބުކުރައްވާފައިވަނީ 25 ވޯޓު ހޯއްދަވައިގެންނެވެ. އަދި އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
ޕީއެންސީން ކެންޑިޑޭޓެއް ނެރުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ޕީއެންސީގެ ސެނެޓާ ހަވާލުކުރި މަަސައްކަތުގެ ތެރެއިން، ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ސީދާ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން ނިންމީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލައިގެން އެކަން ކުރުމުގެ މުއްދަތު ރިޔާސީ އިންތިހާބާ ދެމެދު ނެެތުމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހަށް ހަމަވާ އިރު، ޔާމީނަށް އިންތިހާބުގައި ވާދަކުވެރިދާނެ ކަމާމެދު އުފެދިފައިވާ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައެވެ. އެއީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ފޯމު ބާތިލުކުރުމާ ގުޅިގެންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު