ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުކަމުން މިދިޔަ މަހު އިސްތިއުފާ ދެއްވި ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފިއެވެ.

ޝިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ކުރީން ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވަން ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ދެ ފަހަރެއްގެ މަތިން ޝިހާބު ވަނީ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައެވެ.

ނާޒިމަކީ އެއް އިރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް އަދި އެހާމެ އިތުބާރު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ހިޔާލު ތަފާތުވެ ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ. ނާޒިމް ވަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި އެ މަނިކުފާނާ ދެކޮޅަށް ހެކިބަސްވެސް ދެއްވައިފައެވެ.

ނާޒިމާއި ޝިހާބު ޖޭޕީއަށް ސޮއިކުރުމަށް މ. ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، އެ ދެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށާއި އެއީ ޖޭޕީއަށް މީހުންކުރާ އިހުތިރާމާއި ލޯބި އިތުރުވާނެ ކަމެއް ކަމަށެވެ.

ޝިހާބު ވިދާޅުވީ އޭނާގެ ސިޔާސި ތަޖުރިބާގެ އަލީގައި ޖޭޕީއަށް ވެރިކަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނާޒިމު ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ހަތަރު އަނގޮޅިއެއްގައި ކަމަށާއި ރާއްޖެ ރަނގަޅު މިސްރާބަށް ގެންދިއުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ޖޭޕީއާއެކު އެ މިސްރާބަށް ވާސިލު ވެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.