މިނިވަން އުފާ ކާނިވަލުގެ ނިމުން ފާހަގަކުރުމަށް މިރޭ ހަވާ އަރުވާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ. ހަވާ އަރުވަން ހަމަޖެހިފައިވަނީ ރޭގަނޑު 9 ޖަހާއިރެވެ.

ހޯމް މިނިސްޓްރީއާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން އުފާ ކާނިވާ ފެށުނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ.

މި ކާނިވަލުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގިނަ ތަފާތު ކުޅިވަރުތަކެއް ކުރިއަށް ގެންދާއިރު އެ ތަނުގައި ގިނަ އަދަދެއްގެ ކާބޯތަކެތި ވިއްކާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންވެސް ބައިވެރިވެއެެވެ. އަދި އެ ތަނުގައި އޯތެންޓިންކް މޯލްޑިވްސްގައި ރަޖިސްޓްރީވެގެން ހިންގާ ދިވެހިންގެ އަމިއްލަ އުފެންދުންތައްވެސް ދައްކާލަން ސްޓޯލްތައް ހަދާފައި ހުރެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފްގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކާނިވަލުގައި ހަދާފައިވާ މިނީ ޓްރޭނިން ގްރައުންޑަށާއި ގޭމްވޯޑްއިން ކުރިއަށް ގެންދާ ޑިޖިޓަލް ގޭމްތަކުގެ އިތުރުން ލޭޒާ ގޭމަށް ކުޑަކުދިންގެ ބޮޑު ތަހުހީބެއް ލިބިފައިވެެއެވެ.

އަދި މިނިވަން އުފާ ކާނިވަލުގައި ކޮންމެ ރެއަކު ކުރިއަށް ގެންދާ ސްޓޭޖްގެ ހަރަކާތްތަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބޭއިރު ރޭގަނޑު ކުރިއަށްގެންދާ ނައިޓް ސްޓޭޖް ޝޯގައި ދިވެހި ފަންނާނުންގެ ބޮޑުބެރު ހަރަކާތްތަކާއި ދިވެހި ލަވަކިޔުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ފަންނާނުންގެ މެޖިކް ޝޯ އަދި އަލިފާނުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.